ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރ. އަތޮޅަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ދާދި ދެންމެއަކު އެއަތޮޅު ވާދޫ އަށް ވަޑައިގެންފިއެވެ.
ރައީސް ވާދޫ އަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރ. ވާދޫ ރައްޔިތުންނާ ރައީސް ސަލާމްކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް
އެމަނިކުފާނު މިއަދު އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ ވެސް މި ރަށަށެވެ. މި ދަތުރުފުޅުގައި ރައީސް އެ އަތޮޅުގެ އެހެން ބައެއް ރަށްރަށަށް ވެސް ވަޑައިގަންނަވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
ވާދޫ އަށް ވަޑައިގަތުމަށްފަހު ރައީސް އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށުގެ ޙާލަތާއި ރައްޔިތުންގެ ބޭނުންތަކާއި ބެހޭގޮތުން މަޢުލޫމާތު ހޯއްދަވާނެ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައި ވެއެވެ.
ރާއްޖޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ރައީސް އެންމެ ފަހުން ވަޑައިގެންފައިވަނީ ހުވަދު އަތޮޅުގެ 9 ރަށަކަށެވެ. އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. އަދި އެ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންތައްތައް ވެސް އޮޅުން ފިލުއްވައި، އެކަންކަމަށް ޙައްލު ގެނެސްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ. އޭގެ ތެރެއިން ބައެއް މަސައްކަތް މިހާރު ވަނީ ބަޔަކާއި ޙަވާލު ވެސް ކުރައްވާފައި ކަން ފާހަގަ ކުރެވެއެވެ.
ރ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.