ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގުތަކުގައި ފަޔާ ހައިޑްރެންޓް ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން މިއަދު ފަށައިފި އެވެ.
އެޗްޑީސީން ބުނީ ހުޅުމާލެއަކީ ރައްކާތެރި ތަނަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަޔާ ހައިޑްރެންޓް ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.
އެ ސިސްޓަމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
ފަޔާ ހައިޑްރެންޓް ނިޒާމަކީ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިއްވުމަށް ބޭނުންވާ ފެން ސަޕްލައިކުރުމަށްޓަކާ ބޭނުންކުރާ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން މަގުތަކުގެ އެކި ހިސާބުތަކުގައި ފަޔާ ހައިޑްރެންޓް ބަހައްޓާނެ އެވެ.
ހުޅުމާލެ 2 އަކީ މިހާރު ބޮޑު އާބާދީއެއް ދިރިއުޅޭ ސަރަހައްދެކެވެ. އަދި ގިނަ އަދަދެއްގެ އުސް އިމާރާތްތައް ވެސް ހުރި ސަރަހައްދެކެވެ.
އެ ސަރަހައްދުގައި މިހާރު ގިނަ އިމާރާތްތަކެއް އަޅަމުން އަންނައިރު، ކުރިއަށް އޮތް ތަނުގައި އާބާދީ ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ. އެހެންވެ، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށްޓަކާ އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.