ސްޕޯޓްސް ކާރު ދުއްވި އިކްރާމް ތިން މަހަށް ޖަލަށް ލައި، 70،000ރ. އިން ޖޫރިމަނާކޮށްފި

އަހްމަދު އީޒާން | 60 ދުވަސް ކުރިން - 13:56
ސްޕޯޓްސް ކާރު އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހުން / ފޮޓޯ: ޕޮލިސް
ސްޕޯޓްސް ކާރު އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހުން / ފޮޓޯ: ޕޮލިސް
ޚުލާސާ

މިދިޔަ ޖުލައި މަހު ހިނގި އެ އެކްސިޑެންޓުގައި ސްޕޯޓްސް ކާރު ކޮންޓްރޯލް ނުވެ ގޮސް ޖެހުނީ މަގުމަތީގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި.

ހުޅުމާލެ ވިނަރެސް ފްލެޓްތައް ކައިރީގައި ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރަކުން ޖެހި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި ކާރު ދުވި އިބްރާހިމް އިކްރާމްގެ މައްޗަށް ތިން މަހުގެ ޖަލު ހުކުމެއް އިއްވައި، 70،000ރ. އިން މިއަދު ޖޫރިމަނާކޮށްފި އެވެ.

މިދިޔަ ޖުލައި މަހު ހިނގި އެ އެކްސިޑެންޓުގައި ސްޕޯޓްސް ކާރު ކޮންޓްރޯލް ނުވެ ގޮސް ޖެހުނީ މަގުމަތީގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގަ އެވެ. އެ ހާދިސާގައި އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.

އެ މައްސަލާގައި ހައްޔަރުކުރީ ކާރު ދުއްވަން އިން މާލެ، މ. ލޭންޑް އޮފް ގާޑެން އިބްރާހިމް އިކްރާމާއި ކާރުގައި އެ ވަގުތު ތިބި މާލެ، ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހްމާނާއި ގއ. ކަނޑުހުޅުދޫ، އާޒާދުގޭ، ޖިނާހު އިސްމާއިލެވެ. އެ ކާރަކީ ޖިނާހުގެ ބެލުމުގެ ދަށުގައި އޮތް ކާރެކެވެ.

މި މައްސަލާގައި އިކްރާމް ވަނީ އޭނާގެ މައްޗަށް އުފުލި ދައުވާތަކަށް އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފަ އެވެ. އެހެންވެ، އޭނާގެ މައްޗަށް އަވަސް ނިޔާގެ ދަށުން ހުކުމްކުރަން މިއަދު ކްރިމިނަލް ކޯޓުން އަޑުއެހުމެއް ބޭއްވި އެވެ.

އެ އަޑުއެހުމުގައި އިކްރާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އަދަބެއްގެ ގޮތުން އިއްވީ ތިން މަހުގެ ޖަލު ހުކުމެކެވެ. އަދި ޖޫރިމަނާގެ ގޮތުގައި 70،000ރ. ދައްކަން ކޯޓުން ވަނީ އޭނާގެ މައްޗަށް ހުކުމްކޮށްފަ އެެވެ.

ނަމަވެސް، މި މައްސަލައިގެ ބަންދުގައި އިކްރާމް ތިން މަހަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައި ވާތީ، ހުކުމްގެ ދަށުން އިކްރާމް ބަންދުގައި ހުންނާކަށް ދެން ނުޖެހޭނެ އެވެ.

މިއަދުގެ އަޑުއެހުމުގައި އިކްރާމް އާއި ދައުލަތުން ވެސް ބުނެފައިވާ ގޮތުގައި، އެކްސިޑެންޓްގައި އަނިޔާވި މީހާއަށް 118،000ރ. މިހާތަނަށް އޭނާ ވަނީ ދައްކައިފަ އެވެ.

މި އެކްސިޑެންޓާ ގުޅިގެން އިކްރާމް ދައުވާއަށް އިއުތިރާފުވި ނަމަވެސް، އަނެއް ދެ މީހުން ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. ދައުލަތުން ވަނީ އެ ދެ މީހުންނާ ދެކޮޅަށް ހެކި ވެސް ހުށަހަޅައިފަ އެވެ. އެ ދެ މީހުންގެ ޝަރީއަތް އަދި ނުނިމެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%