ހުޅުމާލެ 2 ގައި ހުންނަ ސްޓެލްކޯގެ ކަރަންޓު ޓްރާންސްފޯމަރުތަކަކަށް ގެއްލުން ދީފި

އަހްމަދު އީޒާން | 61 ދުވަސް ކުރިން - 11:05
ހުޅުމާލެ 2 ގައި ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުން ދީފައި / ފޮޓޯ: ސްޓެލްކޯ
ހުޅުމާލެ 2 ގައި ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުން ދީފައި / ފޮޓޯ: ސްޓެލްކޯ
ޚުލާސާ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ ހުޅުމާލެ 2 ގައި ހުންނަ ހައި-ވޯލްޓޭޖް (އެޗްވީ) ދެ ޓްރާންސްފޯމަރަކަށް ބަޔަކު ގަސްދުގައި ގެއްލުން ދިނުމުގެ ސަބަބުން ކަރަންޓު ވިއުގައަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯގެ ކަރަންޓު ޓްރާންސްފޯމަރުތަކަކަށް ބަޔަކު ރޭ ގެއްލުން ދީފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ 2 ގައި ހުންނަ ހައި-ވޯލްޓޭޖް (އެޗްވީ) ދެ ޓްރާންސްފޯމަރަކަށް ބަޔަކު ގަސްދުގައި ގެއްލުން ދިނުމުގެ ސަބަބުން ކަރަންޓު ވިއުގައަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

އެ ޓްރާންސްފޯމަރުތައް ބަހައްޓާފައި ހުރި ތަނަކީ ބައުންޑަރީ ފާރެއް ލައި، ޑަބަލް ލޮކެއް ވެސް ލައި ސެކިއުރިޓީ ވަރުގަދަކޮށްފައި ހުރި ތަނަކަށް ވިޔަސް އެ ތަނަށް ވަން ބަޔަކު ގޭޓުތައް ހަލާކުކޮށްފައިވާ ކަމަށާއި ތަޅުތައް ހަލާކުކޮށް، އަދި އެޗްވީ ސިސްޓަމަށް ގެއްލުންދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ތަނަށް ގެއްލުން ދިނުމަށް އެޗްވީ ސްވިޗުތައް ނިއްވާލާފައި ހުރި ގޮތުން ޔަގީންވާ ގޮތުގައި އެކަމުގައި ބައިވެރިވި ބަޔަކީ ޓްރާންސްފޯމަރު ސިސްޓަމްތަކާއި އޮޕަރޭޝަންތަކުގެ ޓެކްނިކަލް މައުލޫމާތު އެނގޭ ބައެއް ކަމަށް ފަހުމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފަދަ މުހިންމު ވަސީލަތްތަކަށް ގެއްލުން ދިނުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި ކަރަންޓުން ޖެހުމާއި ބޮޑެތި އަނިޔާތައް ލިބުމާއި އަދި މަރުވުމުގެ ނުރައްކާ ވެސް ކުރިމަތިވެދާނެ ކަމަށެވެ. އޭގެ ގެއްލުން ލިބޭނީ ހަމައެކަނި އެ ކަން ކުރާ މީހުންނަށް ނޫން ކަމަށާއި އެންމެންނަށް ވެސް ނުރައްކާ އެބައޮތް ކަމަށް ފަހުމީ ވިދާޅުވި އެވެ.

ޓްރާންސްފޯމަރުތަކަށް ގެއްލުން ދޭން އުޅެނިކޮށް މިދިޔަ އަހަރު ބަޔަކު މަރުވި އިރު، މި ކަހަލަ އަމަލުތަކުގެ ސަބަބުން އަނެއްކާވެސް އެ ކަހަލަ ހިތާމަވެރި ހާދިސާއެއް ހިނގައިފާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވި ގޮތުގައި، މި ހާދިސާއިން ފާހަގަކޮށްދެނީ އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި ފުރާނަ ރައްކާތެރިކުރުމަށާއި މުހިންމު ވަސީލަތްތައް ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށް ދާއިރު، ކުރިމަގުގައި މި ކަހަލަ ކަންކަން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%