ގދ. ހޯނޑެއްދޫގެ ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދުމާއެކު މަގު ހެދުމުގެ މަޝްރޫއު ވެސް މިއަހަރު ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މިއަދު އެ ރަށު ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ނިމިދިޔަ އަހަރު އިޤްތިސާދީ އަޑިގުޑަން ތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރި ކަމަށެވެ. އަދި މަޖިލިސް މެމްބަރުން ފާސްކުރެއްވި ބަޖެޓުން މަޝްރޫއުތައް ފެށުމުގެ އަމަލީ މަސައްކަތުގެ ނަތީޖާ ފެނިގެންދާނެ ކަމަށެވެ.
"ވީ ހުރިހާ ވައުދުތަކަކީ ފުއްދުމަށްވީ ވައުދުތަކެއް، ސަމާލުކަން ދޭނީ އެ ވައުދުތައް ފުއްދުމަށް، މިއަހަރުގެ ބަޖެޓަކީ ވައުދު ފުއްދުމުގެ ބަޖެޓަކަށް، މިއަހަރު ތަރުތީބު ކުރެވިގެން އަޅުގަނޑު ރަށްތަކަށް ގޮސްވީ ވައުދުތައް ފުއްދުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށިގެންދާތަން ރައްޔިތުންނަށް ފެނިގެންދާނެ." ރައީސް ވިދާޅުވިއެވެ.
ގދ. ހޯނޑެއްދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ މިއަހަރު އެ ރަށުގައި މަގުހެދުމުގެ މަޝްރޫއު ފައްޓަވާނެކަމަށެވެ. އަދި ރަށްގިރުމުގެ މައްސަލައަށް ވެސް ހައްލު ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، އެ ރަށުގައި ސިއްހީ މަރުކަޒު 24 ގަޑިއިރަށް ހިންގުމާއި ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ވެސް މިއަހަރު ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.