ކުރީގެ ގޮތަށް ދެން ބޮޑުއަގުގައި ބޭސް ހޯދާކަށް ނުޖެހޭނެ! މައްސަލަ ދަނީ މުޅީން ހައްލުވަމުން

އައިޝަތު ރުވާ ރިފްޢަތު | 1 ދުވަސް ކުރިން - 12 އޭޕްރިލް 2025 15:55
ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް / ފޮޓޯ: ރައީސް އޮފީސް
ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ސަރުކާރުގެ މިހާރުގެ އަމާޒަކީ މިއަހަރުގެ މޭއި މަހުގެ ނިޔަލަށް ޒަރޫރީ ހުރިހާ ބޭހެއް ފާމަސީތަކުން ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުންކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވި.

ރާއްޖޭގައި ވިއްކާ ޑޮކްޓަރީ ބޭހުގެ އަގާއި ބޭހުގެ ފެންވަރާ ގުޅޭގޮތުން ފެންމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް މީގެކުރިން އެއްވެސް ސަރުކާރަކުން އިސްކަން ނުދެއްވާ މިންވަރަށް މިސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުން ކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިއްޔެ ވިދާޅުވީ ކުރިން ބޮޑުއަގުގައި ހޯދި ފެންވަރު ދަށް ބޭސް ބޭސްތަކުގެ ބަދަލުގައި ރާއްޖެއިން ދެން ލިބެން ހުންނާނީ ފެބަވރު ރަނގަޅު ބޭސް ކަމަށާއި، ރާއްޖެއަށް އެންމެ ގިނައިން ބޭސް އެތެރެކުރާ އެސްޓީއޯގެ މަސައްކަތް ހަރުދަނާކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

"މި ސަރުކާރުގެ މަސައްކަތުން ބޭހުގެ ކަންބޮޑުވުމަށް ބޮޑު ލުޔެއް އަޅުގަނޑުމެން ހޯދައިދޭނަން. އެއީ މި ކަންތައްތައް ތަރުތީބުކުރެވިފައިވާ ގޮތުން ކުރިއަށްދާއިރު އަޅުގަނޑުމެންނަށް އެމަންޒަރު ފެންނާތީވެ. އެގޮތުން އަޅުގަނޑުމެން އަޅާފައި ހުރި މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި އެސްޓީއޯގެ ބޭހުގެ ސަޕްލައި އިތުރުކުރުމަށްޓަކައި އެސްޓީއޯގެ ނިޒާމް ވަރުގަދަކުރުން ހިމެނޭ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ބޭހުގެ ކަންކަން ރަނގަޅުކުރުމަށް ގަވަނެންސް ހަރުދަނާކުރުމުގެ އިތުރުން، ބޭހުގެ މަސައްކަތް ބަލަހައްޓާ މުވައްޒަފުން އިތުރުކޮށް އެ މުވައްޒަފުން އިތުރަށް ހުނަރުވެރިކޮށް ގާބިލުކުރުމަށް އެސްއޯޕީތައް އެކުލަވާލުމުގެ މަސައްކަތް ވެސް މިހާރު ކުރެވެމުންދާކަމަށެވެ. އަދި ބޭސް ސިޓީ ދޫކުރުމުގެ ކަންކަމުގައި ބޭނުންކުރާ އާސަންދަ ޕޯޓަލް އިސްލާހު ގެނައުމާއި ފަރުވާގެ ގައިޑްލައިންތައް އިތުރަށް ހެދުމާއި އެމްއެފްޑީއޭގެ ނިޒާމު ހަރުދަނާކުރުމާއި އެސްޓީއޯ ފާމަސިސްޓުން އިތުރަށް ތަމްރީނުކުރުމުގެ މަސައްކަތަށް ޚާއްސަ އިސްކަމެއްދެއްވައިގެން ކުރައްވާ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ މިހާރުގެ އަމާޒަކީ މިއަހަރުގެ މޭއި މަހުގެ ނިޔަލަށް ޒަރޫރީ ހުރިހާ ބޭހެއް ފާމަސީތަކުން ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުންކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ. މިކަން ހާސިލުކުރުމަށްޓަކައި ބަލްކް ޕްރޮކިއުމަންޓް އުސޫލުން ރާއްޖެއަށް ކޮލިޓީ ބޭސް އެތެރެކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ %200 އިން ފެށިގެން %2000 އާއި ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައިކަން ސަރުކާރުން އާސަންދަ އިސްލާޙުކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ވަނީ ފާހަގަވެފައެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިހާރު ދަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ.

"ރައްޔިތުންގެ ޝަކުވާތައް ވަރަށް ގާތުން ބަލަމުން ގެންދަން. އެކަން ހައްލުކުރުމުގައި އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަނެ އެކަމުގައިވެސް މަސައްކަތްތަކެއް ކުރެވެމުންދޭ. މިހާރު ކުރެވޭ މަސައްކަތަކަށް ކުރިއެރުން ލިބެމުންދާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" ވަޒީރު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%