ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 59 އަހަރު ފުރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިއްޔާ ފޮނުއްވާފިއެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ (އެމްއޭސީއެލް) އެހާރާއި މިހާރުގެ ހުރިހާ ޚިދުމަތްތެރީންނަށް ޝުކުރު ދަންނަވާފައެވެ. އަދި އުފާވެރި އަހަރަކަށް އެދިވަޑައިގެންފައިވެއެވެ.
ރާއްޖޭގައި ވައިގެ ދަތުރުގެ ޚިދުމަތް އެންމެ ފުރަތަމަ ފެށުނީ 1960 ވަނަ އަހަރުގެ އޮކްޓޯބަރު 19 ވަނަ ދުވަހުއެވެ. ނަމަވެސް، މައި ވައިގެ ބަނދަރު "ހުޅުލެ އެއަރޕޯޓް" ގެ ނަމުގައި ޚާއްސަ އޮފީހެއްގެ ދަށުން ޚިދުމަތް ދޭން ފެށީ 1966 ވަނަ އަހަރުގެ އޭޕްރީލް 12 ވަނަ ދުވަހުއެވެ. މި އެއަރެއަރޕޯޓަށް ފުރަތަމަ އާންމު ފްލައިޓެއް ޖެއްސީ 1962 ވަނަ އަހަރު އެއަރ ސިލޯންގެ ފަރާތުންނެވެ.
އެމްއޭސީއެލް އުފެދުނީ 1994 ވަނަ އަހަރު، އޭރު މާލެ އިންޓަނޭޝަނަލް އެއަރޕޯޓު ނަމުގައި ހިންގަމުންދިޔަ އެއަރޕޯޓުގެ ބެލެނިވެރި ފަރާތުގެ ގޮތުގައެވެ. މިހާރު، ސަރުކާރުން ވަނީ އެއަރޕޯޓް ތަރައްޤީކުރުމުގެ 20 އަހަރުގެ މާސްޓަރ ޕްލޭނެއް ތަޢާރަފުކޮށްފައެވެ. މި ޕްލޭންގެ ދަށުން، އަހަރަކު 25 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ކެޕޭސިޓީއަކަށް އެއަރޕޯޓު ތަރައްޤީކުރެވޭނެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، އެ މަސައްކަތް ވަނީ ނިމުމަކާއި ކައިރިވެފައެވެ. ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، މި މަޝްރޫޢު ނިމުމުން ދިވެހިންގެ ފަޚުރުވެރި އެއަރޕޯޓު މުޅިން އައު އެއަރޕޯޓަކަށް ވެގެންދާނެއެވެ.