ގދ. ހޯނޑެއްދޫގައި އޭޓީއެމްއެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހޯނޑެއްދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
މިއަދު ވެވުނު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްއާއި ހޯނޑެއްދޫ ކައުންސިލާއި ދެމެދުގައެވެ. އެއްބަސްވުމުގައި ހޯނޑެއްދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް ހުސެއިން ވާރިޝްއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލްއެވެ.
މި އެއްބަސްވުމުގެ ދަށުން، އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރަށު ކައުންސިލާއި ހަވާލުކޮށްފައިވާއިރު، މި މަޝްރޫޢަކީ ސަރުކާރުން މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަށް ނިންމާފައިވާ ނިންމުމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ޚިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ. އަދި މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް އިތުރު 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ވަނީ ނިންމާފައެވެ.