ގދ. ހޯނޑެއްދޫގައި ޤާއިމުކުރި ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ.
އެމަނިކުފާނު މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވީ ހުވަދޫ އަތޮޅުގެ 9 ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހޯނޑެއްދޫއަށް ވަޑައިގެންނެވެ.
މި މަޝްރޫޢަކީ އެގްޒިމް ބޭންކް އޮފް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދެވުނު މަޝްރޫޢެކެވެ.
ހޯނޑެއްދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޓްރެވެނީ އިންޖިނިއަރިންގ އެންޑް އިންޑަސްޓްރީސް ލިމިޓެޑުންނެވެ. މި މަޝްރޫޢަށް 4.9 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
މި މަޝްރޫޢުގެ ދަށުން ހޯނޑެއްދޫގައި ނަރުދަމާގެ 5 ޕަންޕު ސްޓޭޝަން ޤާއިމުކޮށް، ސީ އައުޓް ފޯލް އަޅައި، މުޅި ރަށުގައި ފެނާއި ނަރުދަމާ ނިޒާމުގެ ވިއުގަ އަޅައި، ގޭގެއަށް ކަނެކްޝަން ގުޅާފައިވެއެވެ. މީގެ އިތުރުން، ދުވާލަކު 75 ޓަނުގެ ފެން އުފެއްދޭ ވަރުގެ 2 އާރުއޯ ޕްލާންޓް ބަހައްޓައި، ފެން ރައްކާކުރުމަށް 2 ޓޭންކު ވަނީ ބަހައްޓާފައެވެ.
އާބާދީގައި 800 އެއްހާ މީހުން ދިރިއުޅެމުންދާ ހޯނޑެއްދޫއަކީ މީގެ ކުރިން ރައްކާތެރި ނަރުދަމާއެއް ނެތުމުގެ ސަބަބުން ވިއްސާރަ މޫސުމުގައި ޖަންކްޝަން މައްސަލަ ކުރިމަތިވެ ރައްޔިތުންނަށް ގިނަ ތަކުލީފުތަކެއް ކުރިމަތިވަމުން އައި ރަށެކެވެ. ނަމަވެސް، މިހާރު ފެނާއި ނަރުދަމާގެ ޚިދުމަތް ފެށުމާއެކު ރައްޔިތުންގެ މި ތަކުލީފުތަކަށް ނިމުމެއް އަންނާނެއެވެ.