އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރ އުމުރުން 100 އަހަރުގައި ނިޔާވެއްޖެ

ޖަވާދު | 115 ދުވަސް ކުރިން - 30 ޑިސެންބަރު 2024 06:36
އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރ
އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރ
ޚުލާސާ

އުރުގައި މިސްރާއި އިސްރާއީލާ ދެމެދު ސުލްހަ ގާއިމްކުރި ކޭމްޕް ޑޭވިޑް އެއްބަސްވުން އެކުލަވާލި ސަރުކާރުގެ ވެރިޔާ ކާޓަރ އަވަހާރަވީ މުސްކުޅި ބަލީގައި މިއަދު.

އެމެރިކާގެ 39 ވަނަ ރައީސް ޖިމީ ކާޓާ އުމުރުން 100 އަހަރުގައި ޖޯޖިއާގެ ޕްލޭންސްގައި ހުންނަ އޭނާގެ ގެކޮޅުގައި މިއަދު ނިޔާވެއްޖެއެވެ. އޭނާ ނިޔާވީ ގާތްގަނޑަކަށް ދެ އަހަރު ވަންދެން މުސްކުޅި ބައްޔަށް ޚާއްޞަ ފަރުވާ ދެމުން ދަނިކޮށެވެ.

އޮކްޓޯބަރު 1، 1924 ގައި ޕްލޭންސް އަށް އުފަން ކާޓަރަކީ ހޮސްޕިޓަލަކަށް އުފަންވެވަޑައިގެންނެވި އެމެރިކާގެ ފުރަތަމަ ރައީސް އެވެ. އެމެރިކާގެ ނޭވަލް އެކަޑަމީން 1946 ވަނަ އަހަރު ޑިގްރީ ހާސިލް ކުރެއްވި އިރު، ފަހުން އެނބުރި ޖޯޖިއާއަށް ވަޑައިގެން އާއިލާގެ ޕީނަޓް ދަނޑުވެރިކަމުގެ ވިޔަފާރި ބެލެހެއްޓި އެވެ. ކާޓަރގެ ސިޔާސީ ކެރިއަރު ފެށުނީ ޖޯޖިއާ ސްޓޭޓް ސެނެޓުގައެވެ.

އެމަނިކުފާނު 1971 އިން 1975 އަށް ގަވަރުނަރުގެ މަގާމު ފުރުއްވި އިރު، 1976 ވަނަ އަހަރު ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވީ 1977 އިން 1981 ވަނަ އަހަރާއި ހަމަޔަށެވެ. ކާޓަރުގެ ރިޔާސީ ދައުރުގައި މިސްރާއި އިސްރާއީލާ ދެމެދު ސުލްހަ ގާއިމްކުރި ކޭމްޕް ޑޭވިޑް އެއްބަސްވުމާއި ޑިޕާޓްމަންޓް އޮފް އެނާޖީ އެންޑް އެޑިއުކޭޝަން ގާއިމް ކުރުން ހިމެނެ އެވެ.

ޖިމީ ކާޓަރ (ކ) އަދި އެމެރިކާގެ ކުރީގެ 4 ރައީސުން 2009 ވަނަ އަހަރު.

ރައީސްކަމަށްފަހު ކާޓަރ ވަނީ އިންސާނީ އެހީތެރިކަމުގެ މަސައްކަތްތަކަށް ޚާއްޞަވެވަޑައިގެންފައެވެ. އޭނާ އާއި އޭނާގެ އަނބިކަނބަލުން ރޮޒޭލިން 1982 ވަނަ އަހަރު އިންސާނީ ހައްގުތަކާއި، އެކިކަހަލަ ބަލިތައް ނައްތާލުމާއި، ޑިމޮކްރަސީ ކުރިއެރުވުމަށް ފޯކަސްކޮށްގެން ދަ ކާޓާ ސެންޓަރު އުފެއްދި އެވެ. މި މަސައްކަތްޕުޅުގެ ތެރެއިން 2002 ވަނަ އަހަރު އެމަނިކުފާނަށް ސުލްހައިގެ ނޮބެލް އިނާމު ލިބިވަޑައިގެންނެވި އެވެ.

ކާޓާރ މިއަދު ދުނިޔެ ދޫކުރެއްވިއިރު، ރައީސް ޖޯ ބައިޑަން ފާހަގަކުރެއްވި ގޮތުގައި "އެމެރިކާ އާއި ދުނިޔެއަށް ވަނީ ފާހަގަކޮށްލެވޭ ލީޑަރެއް ގެއްލިފަ އެވެ."

ކާޓަރގެ ހަތަރު ދަރިކަލުންނާއި ކާފަދަރިން ތިއްބަވަ އެވެ. އެމަނިކުފާނުގެ އަނބިކަނބަލުން ރޮޒޭލިން ނިޔާވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%