ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭގޮތުން ކުރިއަށްގެންދާ ތަޙުޤީޤަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ހުށަހެޅުމަށް ޤާއިމްކުރި ޕޯޓަލް މެދުވެރިކޮށް މިހާތަނަށް 16 ފަރާތަކުން މަޢުލޫމާތު ހުށަހަޅާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާގުޅޭ މައްސަލައިގެ ތަޙުޤީޤަށް މަޢުލޫމާތު އެއްކުރުމަށް ޕޯޓަލްއެއް ޤާއިމްކޮށް މަޢުލޫމާތު ހުށަހެޅުމުގެ ފުރުޞަތު ފުލުހުންގެ ޚިދުމަތުން ހުޅުވާލީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.
ފުލުހުން ބުނީ މި ޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު ޙިއްސާކުރުމުގެ ފުރުޞަތު އަދިވެސް ހުޅުވިފައިވާ ކަމަށާއި، މަޢުލޫމާތު ހުށަހެޅުމަށް evidence.police.gov.mv އަށް ވަޑައިގެން މަޢުލޫމާތު ޙިއްސާކުރެވޭނެ ކަމަށެވެ. އަދި މަޢުލޫމާތު ހުށަހަޅާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަޤީންކަންވެސް ފުލުހުން ވަނީ ދީފައެވެ.
މި މައްސަލައާ ގުޅިގެން އެޗްޑީސީގެ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާއިރު، އޭސީސީން ކުރިއަށްގެންދާ ތަޙުޤީޤާ ގުޅިގެން ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ހިމެނޭހެން އެ މިނިސްޓްރީގެ ކުރީގެ 4 އޮފިޝަލެއްގެ ޕާސްޕޯޓު ކޯޓު އަމުރެއްގެ ދަށުން ވަނީ ހިފަހައްޓާފައެވެ.