މާލޭގެ ރަސްމީ ފާލަން އާކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އުއްމީދުކުރެވޭ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް އިއްޔެ ވިދާޅުވެއްޖެ އެވެ.
ރަސްމީ ފާލަމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް މިނިސްޓަރު މުއްތަލިބް އެ ސަރަަހައްދަށް ވަޑައިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފާލަން ރޫޅާލަން ޖެހުނީ އޭރު އެތަނަށް ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައި ވާތީ އެތަނުގެ ބައިތައް ވެއްޓި މީހަކަށް ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ.
ނަމަވެސް، ފާލަން ބަންދުކޮށްފައި ބޭއްވުމަކީ މާލެއަށް އަރައި މީހުންނަށް ވެސް ފާހަގަކުރެވޭ އަދި މާލޭގެ ރީތިކަން ވެސް ގެއްލޭ ކަމަކަށް ވާތީ އެތަނުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
މުއްތަލިބް ވިދާޅުވީ އެ މަސައްކަތުގެ ސްޕީޑް އަވަސްކޮށް، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލެވޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.
ރަސްމީ ފާލަން އަލުން މަރާމާތުކޮށް އަދި އާ ޑިޒައިނަކަށް އެތަން ހެދުމަށް ކުރީގެ ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއާ އެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން 11.7 މިލިއަން ރުފިޔާއަށް ހަވާލުކުރި އެ މަސައްކަތް ފެށީ، މިހާރުގެ ސަރުކާރު ފެށުނު ފަހުން މިދިޔަ އަހަރުގެ މެއި މަހުގެ ކުރީކޮޅުގަ އެވެ.
އެ މަސައްކަތަށް ކުރިން ހެދި ފާލަން އެއްކޮށް ރޫޅާލި ނަމަވެސް އާ ފާލަން ހެދުމުގެ މަސައްކަތް ލަސްވީ އެތަން ހެދުމަށް ބޭނުންވާ ތަކެތި ލިބުން ދިގުލައިގެން ދިއުމުން ކަމަށް އެމްޓީސީސީން މީގެ ކުރިން ބުނެފައިވެ އެވެ.
އެކަމަކު މިހާރު އެ ފާލަމުގެ އޯވަހެޑް ސްޓްރަކްޗާ ނިމި، ކުރަމުން އަންނަނީ ފުރާޅުގެ މަސައްކަތެވެ.