2025 ވަނަ އަހަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ އެކި މަޝްރޫޢުތައް ފަށައި، އިޤުތިޞާދީ ފުދުންތެރިކަން އިއާދަވެގެންދާނެ އަހަރަކަށް ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މީލާދީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ވިދާޅުވެ ދިވެހި ރައްޔިތުންނަށް ފޮނުއްވި މެސެޖެއްގައެވެ.
އާ އަހަރުގެ ހިޠާބުގައި ރައީސް ވިދާޅުވީ ދިވެހި ދައުލަތަކީ މިއަދު ކަނޑައެޅިފައިވާ ވަކި އަމާޒުތަކަކަށް ދަތުރުކުރާ ދައުލަތެއް ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގެ އަމާޒަކީ ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފަށް ހިޖުރަކުރުމަށް ކުރަހާލެވިފައިވާ ސާފު މަގުޗާޓުކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އާ އަހަރަކީ އަބަދުވެސް އަޒުމުތައް ކަނޑައެޅުމުގެ ފުރުޞަތެއްކަމަށެވެ. އަދި ޤައުމީ ފެންވަރުގައްޔާއި ޖަމާޢަތުގެ ފެންވަރުގައްޔާއި ފަރުދީފެންވަރުގައި ވެސް އާ އަހަރުގެ އަޒުމު ކަނޑައެޅިދާނެ ކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ އަޒުމަކީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ރެޔާއި ދުވާލު އިޚްލާޞްތެރިކަމާއެކު ދެމި އޮތުންކަމަށާއި، ވަޢުދުތައް ފުއްދުމާއި، އިތުބާރު ދެމެހެއްޓުމާއި، އަބަދުވެސް ރައްޔިތުންނާ އެންމެ ގާތުގައި ތިބެ މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އާ އަހަރުގެ ފަރުދީ އަޒުމެއްގެ ގޮތުގައި ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން ކުރިޔަށް ނެރެ، މަޞްލަހަތު އިސްކުރުމަށް ބާރު އަޅުއްވާނެ ކަމަށެވެ. އަދި ތަރައްޤީއާއި ހިތްހަމަޖެހުމުގެ ބިންގަލަކީ އަމާންކަމާއި، އިޙްތިރާމާއި، ކުލުނުވެރިކަންކަމުގައި ފާހަގަކުރައްވައުި މި 2025 ވަނަ އަހަރަކީ ތަރައްޤީގެ އަހަރަކަށް ހެދުމަށްޓަކައި ކޮންމެ ރައްޔިތަކު ވެސް ކަންކަމާމެދު ހެޔޮ ރަނގަޅު ވިސްނުން އިސްކުރުމަށް އެމަނިކުފާނު ދިވެހި އެންމެހައި ރައްޔިތުންނަށް އިލްތިމާސް ކުރެއްވިއެވެ.