ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފި އެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ވަނީ މެންދުރު ފަހު 2:30 އިން ފެށިގެން އިރުއޮއްސި 6:30 އާ ހަމައަށް ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ.
މިއީ މިއަދު ނެރުނު ދެވަނަ ޔެލޯ އެލާޓެވެ.
މެޓް އޮފީހުން ބުނީ އެ އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އޮފީހުން ބުންޏެވެ.
އާ އަހަރާ އެކު އިރުވައި މޫސުމުގެ ހަޅަޖަހަން ފަށައި، ބަންދު ތެރޭގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ އިއްޔެ ނޫސްބަޔާނެއް ވެސް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީ ސްރީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި އެ ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާ ޓްރަފުގެ ސަބަބުން، މި ފެށުނު އާ އަހަރުގެ ބަންދު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށެވެ.
އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ވައިޖެހޭނީ އުތުރާއި އިރު އިތުރުން، އަދި ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ. އެހެންވެ، ރާއްޖޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށް ލަފާކުރެވެ އެވެ.