ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ރައްޔިތުންގެ ފައިސާއަށް ޚިޔާާނާޔްތެރިވެ ނާޖާއިޒް މަންފާތަކެއް ހޯއްދެވި ކަމުގެ ބޮޑެތި ސީރިއަސް ތުހުމަތު ތަކެއް ކުރެވިއްޖެއެވެ.
މަޤާމުގެ ނިވަލުގައި ތިއްބަވައިގެން ކުރެއްވެވި ކަމަކީ ވައްކަން ކުރުމާއި ޚިޔާނާތްތެރިވުމާއި ބޮޑެތި ކޮރަޕްޝަނުގެ ޖަރީމާތައް ހިންގެވުން ކަމަށް މާލިއްޔަތު ކޮމިޓީން ބެލި ބެލުމުން ފާހަގަވެ އެ މައްސަލަތައް ތަޙްޤީޤުކުރަން އަންގަވާފައިވާއިރު އޭގެތެރޭގައި ހިމެނެނީ ބިލިއަން ރުފިޔާގެ ވައްކަމާއި ޚިޔާނާތެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒްގެ މައްޗަށް ތުހުމަތު ކުރެވެނީ ބަދަލު ދިނުމުގެ ނަމުގައި ވައްކަމާއި ޚިޔާނާތާއި މަޤާމުގެ ނުފޫޒު ފޯރުވުމާއި ނާޖާއިޒް މަންފާ ނެގުމާއި ރައްޔިތުންގެ ބައިތުލްމާލުން ވައްކަންކުރުން ފަދަ އެތައް މައްސަލަތަކެވެ. މީގެތެރޭގައި ގާތް މީހުންނަށް ރަށްތައް ދިނުން ވެސް ހިމެނެއެވެ. މާނައަކީ އުޞޫލާއި ޚިލާފަށް ސަރުކާރުގައި އެކި ފަރާތްތަކަށް ބޮޑެތި ޢަދަދުތަކުން ބަދަލު ދިނުމުގެ ނަމުގައޭ ބުނެ ޖަރީމާ ހިންގުމެވެ.
17 ނޮވެންބަރު 2018 އިން ފެށިގެން 17 ނޮވެންބަރު 2023 އަށް ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާ ކުރެއްވުމަށްފަހު، އެ ކޮމިޓީއަށް ފާހަގަވި ކަންކަމުގެ ރިޕޯޓު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ހުށަހަޅާފައެވެ.
މިދެންނެވި ތުހުމަތު ކުރެވޭ ޖަރީމާތަކާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ އޭސީސީގައި މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އެދިވަޑައިގެންފައެވެ. އަދި މައްސަލައިގެ އަވަސް ތަހުގީގެއް ހިންގުމަށާއި، ތަހުގީގަށް ކުރިއެރުން ލިބެމުންދާ ވަރަކުން ޕީޖީ އޮފީހާ މަޝްވަރާކުރަމުން ގެންދިއުމަށް ވެސް އޭސީސީގައި ދަންނަވާފައި ވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
2019 ވަނަ އަހަރުން 2023 ވަނަ އަހަރަށް ބަދަލު ދިނުމުގެ އުސޫލުގެ ދަށުން ސޮއިކޮށްފައިވާ އެއްބަސްވުންތަކަކީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުންތަކެކެވެ. ވައްކަން ކުރުމަށްޓަކައި އެކި ނަންނަމުގައި ކޮމިޓީތައް ހަދައި ހިންގި ޖަރީމާތައް ތަޙްޤީޤުކުރާއިރު، މިސަރުކާރުން މިހާރު ވަނީ އެމްޑީޕީ ސަރުކާރުގައި ވައްކަމާއި ނާޖާއިޒް މަންފާތައް ހޯދުމުގައި ބޭނުންކުރި "ސެޓްލްމަންޓް ކޮމެޓީ" އުވައިލައްވާފައެވެ. އެ ކޮމިޓީން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމާފައެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާއި ރަށްރަށާއި ފަޅުތައް ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އޭރު ނިންމާފައިވާކަމަށް ރިޕޯޓުން އެނގެއެވެ.
މީގެ ތެރޭގައި ހިމެނެނީ:
- ލެޝާ ބީޗް ޕްރައިވެޓް ލިމިޓެޑަށް ވ. ފޮއްތެޔޮބޮޑުފުށީގެ ލީސް އިތުރުކޮށްދިނުން
- ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް 26 މިލިއަން ރުފިޔާ
- އެގްޒޯޓިކް ޕްރޮޕަޓީޒް ޕްރައިވެޓް ލިމިޓެޑަށް ނ. އެކުޅިވަރު 99 އަހަރަށް ދިނުން
- ދީބާޖާ އިންވެސްޓްމަންޓަށް 64 މިލިއަން ރުފިޔާ
- އަމްސަން އެންޑް ފުޑް ބެވަރޭޖް ޕްރައިވެޓް ލިމިޓެޑަށް 5.1 މިލިއަން ރުފިޔާ
މީގެ އިތުރުންވެސް އެހެން ފަރާތްތަކަށް ދޭން ނިންމާފައިވާ ރަށްރަށާއި ފަޅުފަޅު އަދި ފައިސާގެ ބަދަލުތައް ހިމެނެއެވެ.
މިފަދަ ސީރިއަސް މައްސަލަތައް ފެންމަތިވެފައިވާއިރު މި މައްސަލަތައް ބަލައި ތަޙްޤީޤު ކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުން އެއީ ރައްޔިތުން އެދޭ ގޮތެވެ.