ކަނޑުމަތީގައި ޙާލުގައި ޖެހިފައިވާ 102 ރޮހިންޔާ މުސްލިމުން ލަންކާއިން ސަލާމަތްކޮށްފި

ޖަވާދު | 86 ދުވަސް ކުރިން - 08:47
ޚުލާސާ

ކަނޑުމަތީގައި ޙާލުގައި ޖެހިފައިވާ ރޮހިންޔާގެ 102 މުސްލިމުން ސަލާމަތުގެ އައްސޭރިއަށް ގެންގޮސް ލަންކާ ސަރުކާރުން ވަނީ އެމީހުންނަށް ސިއްޙީ އެހީތެރިކަމާއި، ކާނާއާއި ބޯފެން ފޯރުކޮށްދީފައި. އޭގެތެރޭގައި 25 ކުޑަކުދިންނާއި 30 އަންހެނުން ހިމެނޭ.

ސްރީލަންކާގެ ނޭވީން އެޤައުމުގެ އުތުރު ސަރަޙައްދުގެ ކަނޑުން 100 އަށްވުރެ ގިނަ ރޮހިންޔާ މުސްލިމް ރެފިއުޖީން ސަލާމަތް ކޮށްފިއެވެ.

ލަންކާގެ ނޭވީގެ ތަރުޖަމާނު ގަޔާން ވިކްރަމަސޫރިޔާ ވިދާޅުވި ގޮތުގައި، ބުރާސްފަތި ދުވަހު ސްރީލަންކާގެ އުތުރު ސަރަޙައްދުގެ ކަނޑުން މަސްވެރިންނަށް ފެނުނު މި ރެފިއުޖީންގެ ތެރޭގައި 25 ކުޑަކުދިންނާއި 30 އަންހެނުން ހިމެނޭއިރު އެމީހުންގެ ޖުމްލަ ޢަދަދަކީ 102 އެވެ.

ކަނޑުމަތީގައި ޙާލުގައި ޖެހިފައިވާ ރޮހިންޔާ މުސްލިމުން ތިބި އުޅަނދާއި ކައިރިކޮށް ލަންކާގެ ނޭވީގެ އުޅަނދުފަހަރުން އެ މަސް ބޯޓު ސްރީލަންކާގެ އިރުމަތީ ސަރަޙައްދުގައި ހުރި ނޭވީ ބޭސްއަކަށް ގެންގޮސް، އެ މީހުންނަށް ސިއްޙީ އެހީތެރިކަމާއި، ކާނާއާއި ބޯފެން ފޯރުކޮށްދީފައި ވާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

2022 ވަނަ އަހަރު ވެސް ސްރީލަންކާގެ ކަނޑުން 100 ރޮހިންޔާ މުސްލިމް ރެފިއުޖީން ސަލާމަތްކޮށްފައި ވެއެވެ.

ދާޚިލީ ހަނގުރާމަތަކާއި އަނިޔާވެރިކަމުގެ ސަބަަބުން ލައްކައަކަށްވުރެ ގިނަ ރޮހިންޔާ މުސްލިމުން ކުދިކުދި ބޯޓުފަހަރުގައިވެސް މިޔަންމާއިން ފިލައިގެން ގޮސްފައިވެއެވެ. މީހުންގެ ތެރެއިން އެތައް ބަޔަކު ވަނީ ކަނޑުވެ ގެއްލިފައެވެ.

މިހާރު ބަންގްލަދޭޝްގައި ގާތްގަނޑަކަށް 1 މިލިއަން ރޮހިންގިޔާ ރެފިއުޖީން ދިރިއުޅެމުން ދާއިރު މީގެ ތެރެއިން ގިނަ މީހުން އެ ޤައުމަށް ގޮސްފައިވަނީ 2017 ވަނަ އަހަރު މިޔަންމާގެ ސަލާމަތީ ބާރުތަކުން ހިންގި އަނިޔާވެރި ޢަމަލުތަކުން ސަލާމަތްވުމަށެވެ.

ބަންގްލަދޭޝްގެ ތޮއްޖެހިފައިވާ ކޭމްޕްތަކުން ފިލައިގެން އަވައްޓެރި ޤައުމުތަކަށް ދިއުމަށް އެތައް ހާސް ރެފިއުޖީން މަސައްކަތްކުރަމުން ދެއެވެ. ނޮވެމްބަރު މަހުން ފެށިގެން އިންޑޮނޭޝިއާއަށް އަންނަ ރެފިއުޖީންގެ އަދަދު އިތުރުވެފައިވާތީ، އެ ޤައުމުން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަމަށް އެދިފައެވެ.

މިޔަންމާއަށް އަނބުރާ ދިއުމަކީ މި ވަގުތު ރޮހިންގިޔާ ރެފިއުޖީންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އެއީ އެ މީހުންނަށް ހަމަލާދިން ސިފައިން 2021 ގައި މިޔަންމާގެ ޑިމޮކްރެޓިކް ސަރުކާރު ވައްޓާލާފައިވާތީއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%