އައްޑޫ ސިޓީގައި 4.5 މެގަވޮޓުގެ ސޯލާ ހައިބްރިޑް ނިޒާމެއް ޤާއިމުކުރުމަށް ފެނަކައިން ޔޫއޭއީގެ ކްލިއާ ފިއުޗާ ސިނާޖީސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާޠިލުކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
ފެނަކައިން އެއްބަސްވުން ބާޠިލުކުރަން ނިންމީ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހަމަޖެހުނުކަން އަންގައިދޭ ލިޔުން ފިއުޗާ ސިނާޖީސްއިން ހުށަނޭޅުމުންނެވެ. ނަމަވެސް ފިއުޗާ ސިނާޖީސްއިން ބުނަނީ މިއީ އެއްބަސްވުން ބާޠިލުކުރެވޭނެ ސަބަބެއް ނޫން ކަމަށެވެ.
ސިވިލްކޯޓުގެ ވަގުތީ އަމުރުގައިވާ ނިންމުން
އެއްބަސްވުމުގައިވާ ގޮތުން، ބާޠިލުކުރެވޭނީ ފިއުޗާ ސިނާޖީސްއިން އަދާކުރަންޖެހޭ ޒިންމާއެއް އަދާނުކުރާނަމަ، އެކަން އިޞްލާޙުކުރަން އަންގައި ނޯޓިސްއެއް ދިނުމަށްފަހު ނުވަތަ ދެ ކުންފުނި އެއްބަސްވެގެންނެވެ. މި ނޯޓިސް ދެވޭނީ ކޮމާޝަލް އޮޕަރޭޝަންތައް ފެށުމަށް ދިން މުއްދަތުގެ އަހަރެއް ފަހުންނެވެ.
ފިއުޗާ ސިނާޖީސްއިން ބުނާގޮތުގައި އެއްބަސްވުން ބާޠިލުކުރުމުން ލިބިދާނެ މާލީ ގެއްލުމުގެ ތެރޭގައި 20 އަހަރުގެ މުއްދަތަށް 33.9 މިލިއަން ޑޮލަރު ހިމެނެއެވެ. އަދި މިހާތަނަށް 7.2 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކޮށްފައިވާ ކަމަށް ބުނެއެވެ.
ނަ،ަވެސް، ފެނަކައިން ބުނާގޮތުގައި ޕްރޮޖެކްޓުގެ މަސައްކަތް އެއްބަސްވެފައިވާ ޝެޑިއުލާއި އެއްގޮތަށް ނުހިނގާތީ، ފައިސާ ހަމަޖެހުނުކަމުގެ ލިޔުން ހުށަހެޅުމަށް މުހުލަތު ދިނުމަށްފަހު ވެސް އެކަން ނުކުރުމުން އެއްބަސްވުން ބާޠިލުކުރީއެވެ.
ކޯޓުން ވަގުތީ އަމުރު ނެރެފައިވަނީ މައްސަލައިގައި ޙުކުމްކުރުމާއި ހަމައަށް ނުވަތަ ޝަރީޢަތުން ވަކިގޮތެއް އަންގަންދެން، ފެނަކައިން ފޮނުވި އެއްބަސްވުން ބާޠިލުކުރާ ސިޓީއަށް ޢަމަލު ނުކުރުމަށާއި އެ ސިޓީއާއި ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.
ފެނަކައިގެ ކުރީގެ މެނޭޖްމެންޓުން، އައްޑޫ ސިޓީގައި 4.5 މެގަވޮޓުގެ ސޯލާ ޕީވީ ހައިބްރިޑް ނިޒާމެއް ޤާއިމުކުރުމަށް ފިއުޗާ ސިނާޖީސްއާއެކު އެއްބަސްވުމެއްގައި ސޮއިކުރިއިރު، މި މަޝްރޫޢުގެ ދަށުން ގަން އެއަރޕޯޓަށް ބޭނުންވާ މިންވަރަށް ކަރަންޓު އުފެއްދުމަށް 2.5 މެގަވޮޓުގެ ސޯލާ ގްރިޑެއް އަދި ހުޅުމީދޫގައި 2 މެގަވޮޓުގެ ކަރަންޓު އުފައްދާ ގްރިޑެއް ޤާއިމުކުރެވޭނެއެވެ. މީގެ އިތުރުން، މި މަޝްރޫޢު ނިމުމުން އައްޑޫގައި ކަރަންޓު އުފެއްދުމަށް އަހަރަކު ބޭނުންކުރާ ޑީސަލްގެ މިންވަރު ގާތްގަނޑަކަށް 2.1 މިލިއަން ލީޓަރު މަދުކުރެވޭނެ ކަމަށާއި، ޖައްވަށް ބޭރުވާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 5,500 ޓަނުގެ ކާބަންޑައިއޮކްސައިޑް މަދުކުރެވޭނެ ކަމަށްވެސް ފެނަކައިން ބުނެފައި ވެއެވެ..