އދ. މާމިގިލި ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢު މިއަހަރު ފަށާނެކަމަށާއި، ކައުންސިލުން ފާހަގަކުރެއްވި އެހެނިހެން ކަންކަންވެސް ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކުރިއަށް ގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ އދ. މާމިގިލި ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި ދަނގެތީގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުން ބޭއްވުނީ އދ. ދަނގެތި ކައުންސިލްގެ އިދާރާގައެވެ.
މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން ހޮސްޕިޓަލް ތަރައްޤީކޮށްދެއްވުމަށާއި ބަނދަރާއި މަގު ހެދުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ރަށުގެ ޕޮލިސް ސްޓޭޝަން ހިންގުމަށް އިމާރާތެއް ބޭނުންވާކަން ވެސް ކައުންސިލުން ފާހަގަ ކުރެއްވިއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއިން ވަނީ އެ ކޮމިޓީގެ މެންބަރުންނަށް އެލަވަންސް ދިނުމާއި އެކަންކަމާއި ގުޅޭ މަޢުލޫމާތު އޮޅުންފިލުވާފައެވެ. މިކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ތ.މ ކޮމިޓީތަކަށް ބޭނުންވާ ކަންކަން ކޮށްދެއްވާނެކަމަށް ވިދާޅުވެ، އެކަންކަން ކުރިއަށް ގެންދިއުމަށް ކުރައްވާނެ ކަންތައްތަކުގެ ތަފްސީލީ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މާމިގިލީގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ. ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.