ބަންޑާރަ ނައިބުގެ އޮފީސް ސިވިލް ސާވިސްގެ ދަށުން ވަކިކޮށް، ސަރުކާރުގެ ވަކި އޮފީހެއްގެ ގޮތުގައި ހެދުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެފިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއުއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ އިއްތިފާގުން މި ބިލު ވަނީ ބަލައިގަނެފައެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ ބަންޑާރަ ނައިބުގެ އޮފީސް ސިވިލް ސާވިސްގެ ދަށުން ވަކިކޮށް، އެ އޮފީހުގެ މަސައްކަތްތައް ރޭވުމާއި، ހިންގުމުގެ އުސޫލުތަކާއި، މުވައްޒަފުންނާ ގުޅޭ އެންމެހާ ކަންކަން ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމެވެ.
އެގޮތުން، ބަންޑާރަ ނައިބުގެ މަޤާމުގައި ހުންނަ ފަރާތަކުން ކޮށްގެން ނުވާނެ ކަންކަން ބިލުގައި ބަޔާންކޮށްފައިވެއެވެ. މީގެ ތެރޭގައި ވިޔަފާރިއެއް ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވުމާއި، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލްވުމާއި، އާމްދަނީއެއް ލިބޭފަދަ އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކުރުން ހިމެނެއެވެ. މީގެ އިތުރުން، ދައުލަތުގެ މުދަލާއި ބިން ގަތުމާއި ކުއްޔަށް ހިފުމާއި، ދައުލަތާ އެހެން ފަރާތަކާ ދެމެދު ކުރެވޭ މުޢާމަލާތެއްގައި މާލީ މަޞްލަޙަތެއް ބޭއްވުންވެސް މަނާކޮށްފައިވެއެވެ.
ބިލުގައިވާ ގޮތުން، ބަންޑާރަ ނައިބު އަހަރަކު އެއްފަހަރު އޭނާގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަޞްލަޙަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓަރ ޖެނެރަލްއަށް ހުށަހަޅަންޖެހޭނެއެވެ. މިއީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ވަޒީރުންގެ ޝަރުތުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.
އަދި ބިލުގައި ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ބެހިގެންވަނީ ލީގަލް ސާވިސް އަދި އެޑްމިނިސްޓްރޭޓިވް ސާވިސްގެ ދެ ބަޔަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ.