އިސްރާއީލުގެ ބޮޑުވަޒީރު ކޯޓަށް ހާޒިރުވެއްޖެ

ޖަވާދު | 128 ދުވަސް ކުރިން - 11 ޑިސެންބަރު 2024 11:09
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ - އުފުލާފައިވާ ހުރިހާ ދަޢުވާތަކަށް ނަތަންޔާހޫ ވަނީ އިންކާރު ކުރައްވާފަ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ - އުފުލާފައިވާ ހުރިހާ ދަޢުވާތަކަށް ނަތަންޔާހޫ ވަނީ އިންކާރު ކުރައްވާފަ.
ޚުލާސާ

ރިޝްވަތާއި، މަކަރާއި ހީލަތް ހެދުމާއި، އާންމުންގެ އިތުބާރު ގެއްލުވާލުމުގެ ދައުވާ ތަކަށް އިއްޔެ ތެލްއަވީވްގެ ކޯޓަށް ނަތަންޔާހޫ ހާޒިރުވެ ހުރިހާ ދަޢުވާއަކަށް އިންކާރު ކޮށްފި. ދެވަނަ އަޑުއެހުމެއް މިއަދަށް އޮތީ ތާވަލު ކޮށްފަ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ފުރަތަމަ ފަހަރަށް ކޯޓަށް ހާޒިރުވެއްޖެއެވެ. ތެލް އަވީވްގެ ކޯޓަށް އިއްޔެ ހާޒިރުވެވަޑައިގެން، ނަތަންޔާހޫ ވިދާޅުވީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށެވެ.

އިސްރާއީލުގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ނަތަންޔާހޫގެ މައްޗަށް ތިން މައްސަލައެއްގައި ދައުވާ އުފުލާފައިވެއެވެ. އޭގެ ތެރޭގައި ރިޝްވަތާއި، މަކަރާއި ހީލަތް ހެދުމާއި، އާންމުންގެ އިތުބާރު ގެއްލުވާލުމުގެ ދައުވާ ހިމެނެއެވެ. ނަމަވެސް، ނަތަންޔާހޫ ވަނީ މި ހުރިހާ ތުހުމަތުތަކަށް އިންކާރުނކޮށްފައެވެ.

ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް މި ޝަރީއަތް ކުރިއަށް ގެންގޮސްފައިވާއިރު، ދެން އޮންނަ އަޑުއެހުން މިއަދަށް ވަނީ ތާވަލު ކޮށްފައެވެ..

ނަތަންޔާހޫގެ ވަކީލު، އަމިތްލު ހަދާދު ވަނީ މި މައްސަލައިގެ ތަހުގީގާއި މެދު ސުވާލު އުފައްދާފައެވެ. އޭނާ ވިދާޅުވީ މިއީ ވަކި ފަރާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ތަހުގީގެއް ކަމަށެވެ.

ތިން ފަނޑިޔާރުންގެ ކުރިމަތީގައި ހެކިބަސް ދެމުން ނަތަންޔާހޫ ވިދާޅުވީމި މައްސަލައިގެ ހަގީގަތް ހާމަކުރުމަށް އަށް އަހަރު ވަންދެން އިންތިޒާރު ކުރައްވަމުން ގެންދެވި ކަމަށެވެ.

"ހަގީގަތް ކިޔައިދޭން މިވަގުތަށް އިންތިޒާރު ކުރަމުން އަންނަތާ އަށް އަހަރު ވެއްޖެ ނަމަވެސް އަޅުގަނޑަކީ ބޮޑުވަޒީރެއް. އަޅުގަނޑު މި ގެންދަނީ ހަތް ފަރާތުގެ ހަނގުރާމައެއްގެ ތެރެއިން ގައުމު ލީޑް ކުރަމުން. އަދި އަޅުގަނޑަށް ހީވަނީ އެދެކަންތައް އެއްފަހަރާ ކުރެވޭނެހެން." ނަތަންޔާހޫ ކޯޓުގައި ވިދާޅުވިއެވެ.

ނަތަންޔާހޫ ކޯޓަށް ހާޒިރުވެވަޑައިގަތް އިރުވެސް އިސްރާއީލުން ދިޔައީ ފަލަސްތީނުގެ ޣައްޒާއަށް ހަމަލާތައް ދެމުންނެވެ.


ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށްދިޔައިރު ކޯޓު ބޭރުގައި، ޣައްޒާގެ މުސްލިމުންނަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅު ފަރާތްތަކުން ނަތަންޔާހޫ އާއި ދެކޮޅަށް އަޑު އުފުލަމުން ދިޔައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%