މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ އެހީ ފޯރުކޮށްދޭން ގޮވާލައިފި

އައިޝަތު ރުވާ ރިފްޢަތު | 100 ދުވަސް ކުރިން - 10:35
ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް/ ފޮޓޯ: ރައީސް އޮފީސް
ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން ރައްޔިތުން ދިރިއުޅޭ ރަށްތައް ބަދަލުކުރުމާއި ސަރުކާރުން ދެކޮޅުހަދާ ކަމަށް ބަންޑާރަނައިބު އުޝާމް ވިދާޅުވި.

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ކެނޑިނޭޅި ވަކާލާތު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުން ފާހަގަކުރައްވައި، ރާއްޖެފަދަ މޫސުމީ ބަދަލުތަކަށް ނާޒުކު ޤައުމުތަކަށް ބައިނަލްއަގުވާމީ މުޖުތަމަޢުން އެހީ ފޯރުކޮށްދިނުމަށް ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ގޮވާލައިފިއެވެ. މިފަދައިން ބަންޑާރަނައިބު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ޤައުމުގެ މަސްއޫލިއްޔަތުތަކާއި ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ބޭއްވި އަޑުއެހުންތަކުގައި ރާއްޖޭގެ ފަރާތުން ބަޔާން ދެއްވަމުންނެވެ.

އައިސީޖޭގައި ބޭއްވި މި އަޑުއެހުންތަކަކީ އ.ދ.ގެ އާންމު މަޖިލީހުން މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ޤައުމުތަކުގެ މަސްއޫލިއްޔަތުތަކާއި ގުޅޭގޮތުން އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅި މައްސަލައަކާއި ގުޅިގެން ބޭއްވުނު އަޑުއެހުންތަކެކެވެ. މި އަޑުއެހުންތަކުގައި ބައިވެރިވެ ބަޔާން ހުށަހެޅުމުގެ ފުރުސަތު ޤައުމުތަކަށާއި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކަށް އައިސީޖޭއިން ވަނީ ހުޅުވާލާފައެވެ.

އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިގު މުއްދަތަކަށް ކުރާ އަސަރުތަކަށް ރާއްޖެއަކީ ނާޒުކު ޤައުމެއް ކަމަށާއި، ދިވެހި ރައްޔިތުން ދިރިއުޅެމުންދާ ރަށް ބަދަލުކުރަން ޖެހުމަކީ ދިވެހި ސަރުކާރުން ދެކޮޅު ކަމެއް ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ރާއްޖެ ތަމްސީލުކުރައްވާ ބައިނަލްއަގުވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި، ތިމާވެށްޓާ ބެހޭ ބައިނަލްއަގުވާމީ ޤާނޫނުތަކުގެ ދަށުން ރާއްޖެފަދަ ތަރައްގީވަމުން އަންނަ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮންނަ ޒިންމާއަށް އަލިއަޅުއްވާލައްވާފައި ވެއެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އެހީ ފޯރުކޮށްދިނުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ މަސްއޫލިއްޔަތެއްކަން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

ބަންޑާރަނައިބުގެ އޮފީހުން ބުނީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ މުޖުތަމަޢާއި ގުޅިގެން މަސައްކަތް ކުރުމާއި ރައްޔިތުންގެ ޙައްގުގައި ވަކާލާތު ކުރުމުގައި ދިވެހި ސަރުކާރުން ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%