"އޮޅު ހިޔާ" ސަރުކާރާ ޙަވާލުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި

އަައިޝަތު ޒީނާ | 116 ދުވަސް ކުރިން - 12:17
މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް. / ފޮޓޯ: މާލެ ސިޓީ ކައުންސިލް
މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް. / ފޮޓޯ: މާލެ ސިޓީ ކައުންސިލް
ޚުލާސާ

މިފަދައިން ނިންމާފައިވަނީ އިއްޔެ ބޭއްވި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ، 174 ވަނަ ޢާއްމު ޖަލްސާގެ އިއްތިފާގުން.

ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އޮޅުހިޔާ" ޕެޓް ކެއަރ ފެސިލިޓީގެ ހިންގުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއާ ޙަވާލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިފަދައިން ނިންމާފައިވަނީ އިއްޔެ ބޭއްވި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ، 174 ވަނަ ޢާއްމު ޖަލްސާގެ އިއްތިފާގުންނެވެ.

ސަރުކާރާ އެ ފެސިލިޓީ ޙަވާލުކުރުމަށް އަންގައި، ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވަނީ މި ޙަފްތާ ތެރޭގައި މާލެ ސިޓީ ކައުންސިލަށް ސިޓީވެސް ފޮނުވާފައެވެ. މިފަދައިން އަންގާފައިވަނީ މާލެ ސިޓީ ކައުންސިލުން އެއްބަސްވެފައިވާ ގޮތަށް ކަންކަން ކުރިއަށް ނުގެންދާތީ ކަމަށް ވުޒާރާއިން ބުންޏެވެ.

ދިރޭތަކެއްޗާބެހޭ ވުޒާރާއާއި މާލެ ސިޓީ ކައުންސިލާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، މާލޭގައި "ވީއްލިގެން" ނުވަތަ މަގުމަތީގައި އުޅޭ ބުޅާތައް މި ފެސިލިޓީއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި މިކަމަށްޓަކައި ޢަމަލުކުރާނެ ޕްލޭނެއްވެސް އެކުލަވާލާފައިވެއެވެ. ނަމަވެސް، މި ޕްލޭނާ އެއްގޮތަށް އެއްވެސް ކަމެއް ސިޓީ ކައުންސިލުން މިހާތަނަށް ކޮށްފައިނުވާކަމަށް ދިރޭތަކެއްޗާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވަނީ މާލޭ ސިޓީ ކައުންސިލާ ބައްދަލުކޮށް، މަސައްކަތްތައް ލަސްވަމުންދާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އޭގެ ފަހުން ސިޓީ ކައުންސިލުން ވަނީ ބުޅާތައް ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް ފަށަން ނިންމާފައިވާކަން އިޢުލާންކޮށްފައެވެ.

ނަމަވެސް، ދިރޭތަކެއްޗާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އޮޅު ހިޔާ" އަށް ބުޅާތައް ގެންދިއުމުގައި ޢަމަލުކުރާނެ ގޮތުގެ އެސްއޯޕީތަކާއި ޕްލޭންތަކާއި ލަފާތައް އެ ވުޒާރާއިން މާލެ ސިޓީ ކައުންސިލާ ޙިއްސާ ކޮށްފައިވީ ނަމަވެސް އެކަންކަމަށް މިހާތަނަށް އެއްވެސް ޚިޔާލެއް ލިބިފައި ނެތް ކަމަށެވެ. އަދި އެސްއޯޕީތަކަށް ޢަމަލުނުކޮށް، އެ ފެސިލިޓީއަށް ބުޅާތައް މިވަގުތު ގެންދަން ފަށައިފިނަމަ ބުޅާތަކުގެ ޞިއްޙަތަށާއި ދުޅަހެޔޮކަމަށް ނުރަނގަޅު އަސަރުކުރުން އެކަށީގެންވާކަމަށް ދިރޭތަކެއްޗާބެހޭ ވުޒާރާއިން ބުންޏެވެ.

އެހެންކަމުން މި ހުރިހާ ކަމަކަށް ރިޢާޔަތްކޮށް، ދިރޭތަކެއްޗާބެހޭ ވުޒާރާއިން ނިންމީ "އޮޅު ހިޔާ" އެ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%