ބަންޑާރަ ނައިބުގެ އޮފީހަކީ ސިވިސް ސާވިސް އިން ބޭރުން ވަކި ހާއްސަ ހިދުމަތެއް ދޭ އިދާރާއެއްގެ ގޮތުގައި ހިންގަން ގާނޫނެއް ހަދަން ރައްޔިތުންގެ މަޖިލީހަށް ބިލެއް މިއަދު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.
ބަންޑާރަ ނައިބުގެ އޮފީސް މިހާރު ހިންގަނީ ސިވިލް ސާވިސްގެ ގަވާއިދާއި އުސޫލުތަކުގެ ދަށުންނެވެ. ނަމަވެސް، ބަންޑާރަ ނައިބުގެ އޮފީހާއި އެއްގޮތަށް ހިންގާ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި އެހެން މިނިވަން މުއައްސަސާތަކަކީ ވަކި ގާނޫނެއްގެ ދަށުން ހިންގާ ތަންތަނެވެ.
މަޖިލީހަށް ހުށަހެޅި ބިލުގައި ބުނެފައިވާ ގޮތުގައި، ބަންޑާރަ ނައިބުގެ އޮފީހަކީ މިނިވަން ތަނެއްގެ ގޮތުގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވިޔަސް، އެ އިދާރާ ސިވިލް ސާވިސްގެ ދަށުން ހިންގާތީ، ބައެއް ދަތިތައް އެ އޮފީހަށް ކުރިމަތިވެ އެވެ. އެންމެ ބޮޑު ދައްޗެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ވަކީލުން ހޯދުމުގެ އުނދަގޫތައް ކުރިމަތިވުމެވެ.
އެހެން މިނިވަން މުއައްސަސާތަކުގެ މުސާރައާއި އަޅާބަލާއިރު، ބަންޑާރަ ނައިބުގެ އޮފީހުގެ މުސާރަތައް ވެސް ސިވިލް ސާވިސްގެ އުސޫލުގެ ދަށުން ދޭތީ ވަރަށް ކުޑަ އެވެ. އެހެންވެ، ބަންޑާރަ ނައިބުގެ އޮފީހުގެ ބިލްގެ ނަމުގައި އައު ބިލެއް ސަރުކާރުން ހުށަހެޅީ މިކަމަށް ހައްލެއް ހޯދުމަށް ކަމަށް ސަރުކާރުން ހުށަހެޅި ބިލުގައި ބުންޏެވެ.
މީގެ ކުރިން ފޮރިން މިނިސްޓްރީ ވެސް ވަނީ ފޮރިން ސާވިސްގެ ހިދުމަތް ސިވިލް ސާވިސް އިން ވަކިކޮށް، ވަކި ހިދުމަތެއްގެ ގޮތުގައި ގާނޫނަކުން ކަނޑައަޅައިފަ އެވެ.
ބަންޑާރަ ނައިބުގެ އޮފީސް ސިވިލް ސާވިސް އިން ވަކިކުރާ ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.