ނޮވެމްބަރު 11 ގައި ރަސްމީކޮށް ރިޔާސީ ދައުރު ފެށޭތޯ ބެލުމަށް ޢާންމު ވޯޓެއް ނެގުމަށް ރާވާފައިވާކަން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އިއުލާން ކުރައްވައިފި އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ބަންޑާރަނައިބު އުޝާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢީއްޒު ބޭނުންފުޅުވާ ގޮތަކީ ޒަމާނުންސުރެން ރާއްޖޭގައި ކަންހިންގަމުން އައިގޮތަށް، ރިޔާސީ ދައުރު ބަދަލުވާ ތާރީޚަކީ ނޮވެންބަރު މަހުގެ 11ވަނަ ދުވަސް ކަމަށް ކަނޑައަޅަން ކަމަށެވެ.
އުޝާމް ވިދާޅުވީ މި ބަދަލު ތަންފީޛު ކުރުމަށްޓަކައި ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ޖެހޭ ކަމަށާއި އެކަމުގެ ސަބަބުން އާންމު ރައްޔިތުންގެ ވޯޓުލުން ލާޒިމުވާ ކަމަށެވެ. "ގާނޫނު އަސާސީގައި ފަސް އަހަރުގެ ރިޔާސީ ދައުރެއް ކަނޑައަޅާފައިވާއިރު، މި ޓައިމްލައިނަށް ބަދަލު ގެނައުމަކީ ގާނޫނީ ގޮތުން ރައްޔިތުން ފާސްކުރާ އިސްލާހެއް،" އޭނާ ވިދާޅުވި އެވެ.
ހުށަހަޅާފައިވާ އިސްލާހުގައި ރިޔާސީ ދައުރު ފެށޭ ތާރީހު ބަދަލުކޮށް، ފަސް އަހަރުގެ މުއްދަތު ދެމެހެއްޓި ނަމަވެސް ދައުރު ފެށޭނީ ނޮވެމްބަރު 11 ގައި ކަށަވަރުކޮށްދިނުމަށެވެ.
މި ފިޔަވަޅަކީ ވެރިކަން އިސްލާހުކޮށް، މުހިންމު ގައުމީ އުސޫލުތައް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތް ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ފުޅާ ތަސައްވުރުގެ ބައެކެވެ.
ރިޔާސީ ދައުރު ފެށޭ ތާރީޚު ބަދަލުވީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާޠިލުކުރުމާއި ގުޅިގެން އެ އަހަރުގެ ނޮވެންބަރު 11 އަށް އާ ރައީސަކު އިންތިޚާބު ނުކުރެވުމުގެ ސަބަބުންނެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ހުވައިކުރެއްވީ ނޮވެންބަރު 17 ވަނަ ދުވަހުގައެވެ. އެއަށްފަހު އައި ކޮންމެ ދައުރެއް ފަށައިފައިވަނީ ނޮވެންބަރު 17 ވަނަ ދުވަހުގައެވެ.