ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އާސަންދަ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތުން، ތައިލެންޑާއި ޔޫއޭއީން އާސަންދައިގެ ޚިދުމަތް ލިބޭނެ ދުވަހެއް ވަރަށް އަވަހަށް އިޢުލާންކުރައްވާނެ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، އާސަންދައިގެ ޚިދުމަތް ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ހީނާ ފާހަގަކުރެއްވިއެވެ. މިގޮތުން ތައިލެންޑާއި ޔޫއޭއީގެ ހޮސްޕިޓަލްތަކާއެކު މަޝްވަރާކޮށް، ކުރިއަށްދެވޭނެ ގޮތްތައް ހޯދާފައިވާ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުން ރައްޔިތުންނަށް ދޭ އިސްކަމުގެ ހެއްކެއްގެ ގޮތުން، މި އަހަރުގެ މިހާތަނަށް އާސަންދައިން 2.5 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ފުރަތަމަ ކުއާޓަރުގައި 838 މިލިއަން ރުފިޔާ، ދެވަނަ ކުއާޓަރުގައި 823 މިލިއަން ރުފިޔާ، އަދި ތިންވަނަ ކުއާޓަރުގައި 903 މިލިއަން ރުފިޔާ ހިމެނެއެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ ޞިއްޙަތަށް ދެއްވާ އަހައްމިއްޔަތުކަން މި އަދަދުތަކުން ސާފުކޮށް ފެންނަން އެބައޮތެވެ. އާސަންދަ ޚިދުމަތް އިތުރަށް ފުޅާކުރުމަކީ ރައްޔިތުންނަށް އިތުރު ލުއިފަސޭހަކަމެއް ގެނެސްދޭނެ ކަމެއް ކަމަށް ވާއިރު، ކުރިން އަގުބޮޑުކޮށް ވިއްކަމުންދިޔަ ބޭސްތައްވެސް ސަރުކާރުގެ އެންގުމަށް ބޭސްފިހާރަތަކުން މިހާރު ވަނީ އަގުތައް ހެޔޮ ކޮށްފައެވެ.