މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އެއް މުއައްސަސާއަކަށް ހެދުމަށް 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލު' އާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ބަންޑާރަ ނައިބު އަހުމަދު އުޝާމް ދެއްވައިފިއެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި މި ބިލާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން "ހަތަރެއްގެ ހައްގުގައި" ނަމުގައި ކެމްޕެއިނެއް ވަނީ ފަށާފައެވެ. މި ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ ނޫސްވެރިން މިއަދު ވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) އަދި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ޚަލީލްއާ ބައްދަލުކުރައްވާފައެވެ.
އޭޖީ އޮފީހުން ބުނީ މި ބައްދަލުވުމުގައި ބިލާ ގުޅޭ ގޮތުން ހުރި ޝަކުވާތައް އަޑުއަހައި، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދޭނެ ކަމުގެ ޔަޤީންކަން ބަންޑާރަ ނައިބު ދެއްވާފައިވާ ކަމަށެވެ.
މި ބައްދަލުވުމަށް ފަހު "ހަތަރެއްގެ ހައްގުގައި" ކެމްޕެއިނުގެ ނޫސްވެރިން ވަނީ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މަޖިލީހުގެ ތަޅުމުން ބަލައިނުގަތުމަށް ގޮވާލާފައިވެއެވެ. އެމްޖޭއޭގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނާއިފު ވިދާޅުވީ ބިލު ފަރުމާކޮށްފައިވަނީ ޑިމޮކްރެޓިކް ޤައުމުތަކުގައި އޮންނަ "ސެލްފް ރެގިއުލޭޓަރީ" ނިޒާމަށް ނުފެތޭ ގޮތަށް ކަމަށެވެ.
ބިލު ހުށަހެޅުއްވި މެންބަރަކީ މީޑިއާގެ ބެކްގްރައުންޑެއް ނެތް މެންބަރަކަށް ވާތީ، ބިލު އައި ގޮތާ މެދު ގިނަ ސުވާލުތަކާއި ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރައްވައި ނާއިފް ވަނީ، ސަރުކާރުން ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތައް ބައިވެރިކޮށްގެން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް އާ ބިލެއް ހުށަހެޅުމަށް ގޮވާލައްވާފައެެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނީ މިފަދަ ބިލެއްގެ ސަބަބުން އޭގެ އަސަރުކުރާނީ ހަމައެކަނި ނޫސްވެރިންނަށް ނޫން ކަމަށާއި، މިނިވަން ނޫސްވެރިކަމަށް އެއްވެސް ހުރަހެއް އެޅޭނެ މިފަދަ ބިލެއް މަޖިލީހަށް ބަލައިގަނެގެން ނުވާނެ ކަމަށެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ކޮމިޝަން އެކުލެވިގެންވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ހަތަރު މެންބަރުންނާއި، މީޑިއާއިން އިންތިޚާބު ކުރާ ތިން މެންބަރުންނެވެ. މީޑިއާއެއްގެ މަސްޢޫލުވެރި ފަރާތަކަށް ނުވަތަ އެޑިޓަރެއްގެ މަޤާމު އަދާކުރަމުންދާ މީހަކަށް ކޮމިޝަނުގެ މެންބަރަކަށް ނުވެވޭނެއެވެ.
މީގެ އިތުރުން، ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. މެންބަރުންގެ މަޤާމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. އަދި ވިދިވިދިގެން ނުވަތަ އެނޫންވެސް ގޮތަކަށް ފަސް އަހަރުގެ ދެ ދައުރަށް ވުރެ ގިނަ ދުވަހު މެންބަރުކަމުގައި ނުހުރެވޭނެއެވެ.
ކޮމިޝަން އެކުލަވާލައި މެންބަރުން ކޮމިޝަނުގެ ހިންގުމާ ހަވާލުވަންދެން ކޮމިޝަނުގެ ކަންކަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ ޤަބޫލުފުޅު ކުރައްވާ ހަމައެއް ނޫންކަމަށެވެ. އަދި މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޚިލާފު ނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުންކަމެއްކޮށް އުޅުމުގެ ހައްޤު އޮންނާނެ ކަން އެމަނިކުފާނު ވަނީ މީގެ ކުރިން ފާހަގަކުރައްވާފައެވެ.