މަތީ ތައުލީމުގެ ލޯނު ލިބުނު ދަރިވަރުންނަށް ދޭން ޖެހޭ ފައިސާ އެއްކޮށް ދޫކޮށް ނިންމާފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް ދަރިވަރުންނަށް ދޫކުރަން ޖެހޭ ފައިސާގެ އެއްވެސް ބެކްލޮގެއް ނުހުންނާނެ ކަމަށެވެ.
ލޯނު ފައިސާ ދޫކުރުން ލަސްވުމާ ގުޅިގެން މިދިޔަ ސެޕްޓެބަރު މަހު ވަނީ ދަރިވަރުން ޝަކުވާ ކޮށްފައެވެ. އޭރު މިނިސްޓްރީން ބުނެފައިވަނީ ފައިސާ ދޫކުރުމާއި ޖަވާބު ދިނުމުގައި ލަސްތަކެއް ވަނީ ދަރިވަރުންގެ ޢަދަދު ގިނަވުމުން ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން މިނިސްޓަރ މާރިޔާ ވިދާޅުވީ ބޭރަށް ކިޔަވަންދާ ދަރިވަރުންގެ ތެރެއިން ފައިސާ ދޫކުރުމުގައި އިސްކަންދެނީ އެންމެ އަވަހަށް ފުރަން ޖެހޭ ދަރިވަރުންނަށް ކަމަށެވެ. އަދި ފައިސާ ދޫކުރަމުން އަންނަނީ ހަފްތާއަކުން ހަފްތާއަކުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވާ އިތުރު ސަބަބެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވީ ލިޔެކިޔުންތައް ހަމަ ނުވުމާއި ފޯމުތައް ހުށަހަޅަންޖެހޭ ގޮތަށް ހުށަނާޅާތީ ކަމަށެވެ.
މިއަހަރު ލޯނަށް ހުޅުވާލި 500 ފުރުސަތަށް އެދި 1,709 ދަރިވަރަކު ކުރިމަތިލި ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ނިންމާފައި ވަނީ އެ ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށެވެ. އޭގެ ތެރޭގައި އަމިއްލަ ޚަރަދުގައި ބޭރުގައި ކިޔަވަމުންދިޔަ ބައެއް ދަރިވަރުން ވެސް ލޯނަށް އެދި ކުރިމަތިލުމުން ޝަރުތު ހަމަވާ ކަމަށް ނިންމައި ލޯނު ދޭން އޮތީ ނިންމާފައެވެ.
ބޭރުގައި ކިޔަވާ ދަރިވަރުންނާއި އެ ދަރިވަރުންގެ ލޯނުގެ ޙާލަތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުންނެވެ.
ދާދި ފަހުން ވަނީ ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑޮލަރު ލިމިޓްވެސް 1200 ޑޮލަރަށް އިތުރުކޮށްފައެވެ.