ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސަކަށް ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު އަނަސް ޢައްޔަންކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕީސީބީގެ ރައީސްކަމުގެ މަޤާމަށް ގއ. ދެއްވަދޫ، ދޭލިޔާގެ އަލްފާޟިލް މުޙައްމަދު އަނަސް މިއަދު ޢައްޔަނުކުރައްވާފައިވަނީ ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) އާއި 9 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށެވެ.
އަނަސް އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
އަނަސް މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ނައިބުކަމާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރކަމުގެ މަޤާމު ވެސް ހިމެނެއެވެ.