ރާއްޖޭގެ ސަރަޙައްދަށް އެއްވެސް ބަދަލެއް އަންނަ ޙާލަތުގައި ޢަމަލުކުރަންޖެހޭ ގޮތް ޤާނޫނު އަސާސީގައި ހިމެނުމަށް މަޖިލީހަށް އިޞްލާޙެއް ހުށަހެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ ރާއްޖޭގެ ސަރަޙައްދަށް ބަދަލެއް އަންނަނަމަ އަމަލުކުރަން ޖެހޭ ގޮތް މީގެކުރިން ޤާނޫނު އަސާސީގައި ހިމަނާފައި ނުވާ ކަމަށެވެ. އަދި މިކަން ޤާނޫނު އަސާސީގައި ހިމެނުމަށްޓަކައި އިޞްލާޙެއް ހުށަހަޅާނެ ކަމަށްވެސް ބަންޑާރަނައިބު ވިދާޅުވިއެވެ.
"ހަމައެއާއެކީގައި އަޅުގަނޑުމެން ޤާނޫނު އަސާސީއަށް ހުށަހަޅަން ބޭނުންވާ އިޞްލާޙެއް ރާއްޖޭގެ ސަރަހައްދު ޤާނޫނު އަސާސީގައި ވަރަށް ރަނގަޅަށް ޑިފައިންކޮށްފަ ރާއްޖޭގެ ސަރަޙައްދަށް އެއްވެސް ބަދަލެއް އަންނަ ކަމަށް ވަނީ ނަމަ މިކަމުގައި ޢަމަލުކުރަން ޖެހޭނެ ގޮތްތަކެއް." އުޝާމް ވިދާޅުވިއެވެ.
ބަންޑާރަނައިބު އިތުރަށް ވިދާޅުވީ، ޤާނޫނެއްގައި ރާއްޖޭގެ ސަރަޙައްދުގެ ވާހަކަ ލިޔެފައި އޮންނާތީ، އެފަދަ ކަމެއް މެދުވެރިވެއްޖެ ޙާލަތެއްގައި އަމަލުކުރާނެ ގޮތް ޤާނޫނު އަސާސީގައި ހިމެނުމަށް ސަރުކާރުން ބޭނުންވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނުގައި ރާއްޖޭގެ ސަރަޙައްދުގެ ވާހަކަ ބަޔާންކޮށްފައިވީ ނަމަވެސް، ސަރަހައްދަށް ބަދަލެއް އަންނަ ޙާލަތެއްގައި ޢަމަލުކުރަން ޖެހޭ ގޮތެއް ޤާނޫނުގައި އަދި ޤާނޫނު އަސާސީގައިވެސް ބަޔާންކޮށްފައި ނުވާކަން އުޝާމް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ސަރަޙައްދުގެ މައްސަލަ މީގެކުރިން ވެސް ދިމާވެފައިވާކަންބވެސް ބަންޑާރަނައިބު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، މި ސަރުކާރުން ޤާނޫނު އަސާސީއަށް ގެންނަން ބޭނުންވާ އިސްލާޙުތައް މަޖިލީހަށް ހުށަހަޅަމުންދާ ކަމަށާއި މިހާތަނަށް 40 އިޞްލާޙެއް މަޖިލީހަށް ހުށަހެޅި ބައެއް އިސްލާޙުތައް ފާސްކުރެވިފައިވާ ކަމަށްވެސް ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.