ވޭތުވެދިޔަ ދެތިން އަހަރު ދައުލަތުގެ ޚަރަދުތައް ރެކޯޑުކުރުމުގައި ދިމާވެފައިވާ މައްސަލަތަކާ ގުޅޭ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ނިންމާނެކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަނައިބު ވިދާޅުވީ، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބޭނުންވާ ހުރިހާ މަޢުލޫމާތެއް މިހާރު ލިބިފައިވާ ކަމަށާއި، ރިޕޯޓުގެ މަސައްކަތް ނިންމުމަށް ދެ ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށެވެ.
"އޮޑިޓަރ ޖެނެރަލްގެ ރިޕޯޓް ލިބުމުން، އޭގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ދެން ކުރިއަށްދާނެ ގޮތެއް ނިންމާނީ," ބަންޑާރަނައިބު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުގެ ދައުރުގައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓަށްވުރެ އިތުރަށް ދެބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މިއީ މުޅިން ޤާނޫނާ ޚިލާފު ކަމެއްކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.
"މިއީ އަޅުގަނޑުމެން އަޅާނުލާ ދޫކޮށްލާނެ ކަމެއް ނޫން، ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ޞްލާޙުތައް ގެނެވޭނެ."" ބަންޑާރަނައިބު އުޝާމް ވިދާޅުވިއެވެ.
އެގޮތުން، މި މައްސަލައިގައި ދެން އަޅާނެ ފިޔަވަޅުތަކާ މެދު ގޮތެއް ނިންމާނީ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓަށް ބެލުމަށްފަހުގައި ކަމަށް ބަންޑާރަނައިބު އުޝާމް ވިދާޅުވިއެވެ.