ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް، އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ތަދައްޚުލުވުމަށް ހުށަހަޅަންޖެހޭ "ޑެކްލެރޭޝަން އޮފް އިންޓަރވެންޝަން" މިއަދު ހުށަހަޅައިފިއެވެ.
ބަންޑާރަނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މައްސަލައަށް ރާއްޖެއިން ތަދައްޚުލުވުމަށް ހުށަހަޅަންޖެހޭ "ޑެކްލެރޭޝަން އޮފް އިންޓަރވެންޝަން" މިއަދު އައިސީޖޭއަށް ހުށަހަޅާފައިވަނީ މި މައްސަލައަށް ރާއްޖެއިން ކަނޑައަޅާފައިވާ އޭޖެންޓް، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްގެ ފަރާތުންނެވެ.
މި މައްސަލައަކީ 2023 ވަނަ އަހަރުގެ ޑިސެންބަރު 29 ވަނަ ދުވަހު ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި ދެކުނު އެފްރިކާއިން ބުނެފައިވަނީ، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ، 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނާ ޚިލާފު އަމަލުތަކެއް ކަމަށެވެ.
ރާއްޖެއިން މިއަދު ހުށަހެޅި އިންޓަރވެންޝަން ބިނާކޮށްފައިވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން "އިންސައިޓްމަންޓް ޓު ކޮމިޓް ޖެނޮސައިޑް" އަދި "ޑިއުޓީ ޓު ޕަނިޝް ދަ އިންސައިޓްމަންޓް އޮފް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތާ ގުޅޭގޮތުންނެވެ.
ދިވެހި ސަރުކާރުން އަންނަނީ އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ޢަމަލުތައް ކުށްވެރިކޮށް، އެ ޢަމަލުތަކަކީ ގަތުލުއާންމު އަދި އެޕާތައިޑްގެ އަމަލުތަކެއްކަމާއި، އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާތަކެއްކަމަށް ބައިނަލްއަޤްވާމީ މައިދާންތަކުގައި ކެނޑިނޭޅި ވަކާލާތުކުރަމުންނެވެ.
އދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ޢާންމު ބަހުސްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމަކީ އިންސާފާއި ބައިނަލްއަޤްވާމީ ނިޒާމަށް މަލާމާތެއްކަމަށާއި، އދގެ ޤަރާރުތަކާއި، ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު މި ނިރުބަވެރިކަމުގެ ޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވެން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
ދިވެހި ސަރުކާރުން އަބަދުވެސް ގޮވާލަމުން އަންނަނީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލު އާންމު ޢަމަލުތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށެވެ.
މި މައްސަލައަށް ރާއްޖެއިން ތަދައްޚުލްވުމަށް ހުށަހެޅުމަކީ، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތުގެ އިތުރު ފިޔަވަޅެއް ކަމަށް ފާހަގަކުރެވެއެވެ. މިކަމުން ދޭހަވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަމެވެ.
މި މައްސަލައިގެ ނަތީޖާއަކީ ހަމައެކަނި ފަލަސްތީނާއި އިސްރާއީލަށް އަސަރުކުރާނެ ކަމެއް ނޫނެވެ. މިއީ މުޅި ދުނިޔޭގެ ޤައުމުތަކުގެ ސަމާލުކަން ލިބިފައިވާ މައްސަލައެކެވެ. އެހެންކަމުން، މި މައްސަލައިގެ ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދާއިރާގައި ވަރަށް މުހިންމު ނިންމުމަކަށް ވެގެންދާނެއެވެ.