ފުވައްމުލަކުގެ މަޝްހޫރު ޑައިވަރު މުހައްމަދު ސައީދު، ޓޫރިޒަމް ދާއިރާއަށް ކޮށްދިން މަސައްކަތުގެ އަގު މިރޭ ވަޒަންކޮށްފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި "ފުވައްމުލައް ޓޫރިޒަމް އެވޯޑް 2024" ގައި ސައީދުގެ އަގު ވަޒަންކުރުމުގެ ގޮތުން ޚާއްޞަ އެވޯޑެއް ވަނީ ދީފައެވެ.
2022 ވަނަ އަހަރުގެ މޭ މަހު ފުވައްމުލަކުގެ ޑައިވިންގ ޕޮއިންޓަކަށް ފައިބައިގެން އުޅެނިކޮށް ގެއްލުނު ސައީދުގެ ނަމުގައި ދިން މި އެވޯޑާ ހަވާލުވީ އޭނާގެ އަންހެން ދަރިފުޅެވެ. ތިން ކުދިންގެ ބައްޕައެއް ކަމުގައިވާ ސައީދު ގެއްލުމާ ގުޅިގެން އެމްއެންޑީއެފުން ވަނީ ކަނޑާއި ވައިގެ މަގުން، ހަފުތާއެއް ވަންދެން ބޮޑު ސަރަހައްދެއް ބަލާފައެވެ. ނަމަވެސް، 59 މީޓަރު އަޑިން އޭނާ މަސް ހިފަން ގެންގުޅުނު އާލާތެއް ފެނުނު ނަމަވެސް ސައީދު ފެނިފައެއް ނުވެއެވެ.
މި ރަސްމިއްޔާތަކީ ފުވައްމުލަކުގެ ޓޫރިޒަމަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވުނު ހަރަކާތެކެވެ. މި ރަސްމިއްޔާތުގައި ގެސެސްޓް ހައުސްގެ ވިޔަފާރިކުރާ ފަރާތްތަކާއި، ފުވައްމުލަކުގައި ޑައިވް ސެންޓަރުތައް ހިންގާ ފަރާތްތަކާއި، ޓޫރިޒަމް ދާއިރާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގުވަޒަންކޮށް އެވޯޑު ދިނެވެ. މީގެ އިތުރުން، އެ ރަށުގައި ކުރިއަށް ގެންދިޔަ އަންޑަވޯޓާ ފޮޓޯގްރަފީ މުބާރާތުން އެކި ވަނަތައް ހާޞިލްކުރި މީހުންނަށް ވެސް ލިޔުމާއި އިނާމު ދިނެވެ.
މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިޞަލާއި، އައްޑޫގެ މޭޔަރު އަލީ ނިޒާރާއި، މާލޭގެ މޭޔަރު އާދަމް އާޒިމް އަދި ހުވަދޫ ކައުންސިލުގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.