ބަންޑާރަ ނައިބު އަޙްމަދު އުޝާމް، އަލަށް އައްޔަންކުރެވުނު ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ޖަސްޓިސް (ރިޓަޔަރޑް) ޢައްބާސް ޝަރީފާ މިއަދު ބައްދަލުކުރައްވައި، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ބަންޑާރަ ނައިބު އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި، ބަންޑާރަ ނައިބު އުޝާމް ވަނީ އާ ޕީޖީއަށް މަރުޙަބާ ދަންނަވައި، މަޤާމުގެ ޒިންމާތައް އަދާކުރެއްވުމުގައި ތެދުވެރިކަމާއެކު ދެމިހުންނެވުމަށް ހިތްވަރު ދެއްވާފައެވެ.
ބަންޑާރަ ނައިބު އޮފީހުން ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގައި ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން ޕީޖީ ޢައްބާސްއާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވެއެވެ.
ޢައްބާސް ޝަރީފް ޕީޖީގެ މަޤާމަށް އައްޔަންކުރެއްވީ އިއްޔެއެވެ. ރައީސް އޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އޭނާއަށް މަޤާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވާފައެވެ.
ޢައްބާސް ޝަރީފަކީ މީގެ ކުރިން ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ސަރުކާރުން ބުނާ ގޮތުގައި، ޢައްބާސްއަށް އޭނާގެ ދައުރު މިނިވަންކަމާއެކު އަދާކުރުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ. އަދި ސަރުކާރުގެ ނުވަތަ ރައީސްގެ އެއްވެސް ނުފޫޒެއް ނާންނާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.
ޢައްބާސް ވިދާޅުވި ގޮތުގައި، ޕީޖީގެ މަޤާމުގައި މީހެއްގެ މޫނަށް ނުވަތަ ކަނދުރާއަށް ބެލުމެއް ނޯންނާނެއެވެ. އަދި ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ޕީޖީ އޮފީހުން ކަނޑައަޅާފައިވާ އެސްއޯޕީތަކާ އެއްގޮތަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް ޢައްބާސް ވަނީ ދެއްވާފައެވެ.
މި ބައްދަލުވުމަކީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވޭކަމަށް ބަންޑާރަ ނައިބު އޮފީހުން ބުންޏެވެ.