ރައީސް މުއިއްޒަށް މެލޭޝިއާއިން ހޫނު މަރުހަބާއެއް ކިޔައިފި

އަހްމަދު އީޒާން | 21 ގަޑިއިރު ކުރިން - 27 އޭޕްރިލް 2025 17:58
ރައީސް ޑރ. މުއިއްޒު މެލޭޝިއާއަށް ވަޑައިގަތުމުން ޝަރަފުގެ ގާޑެއް އަރުވަނީ / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު މެލޭޝިއާއަށް ވަޑައިގަތުމުން ޝަރަފުގެ ގާޑެއް އަރުވަނީ / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ކުއަލަލަމްޕޫރް އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބާވަޑައިގެންނެވުމުން ޝަރަފުގެ ގާޑެއް ވެސް ވަނީ އެމަނިކުފާނަށް އަރުވައިފައި.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި މިއަދު މެލޭޝިއާއަށް ވަޑައިގަތުމުން އެ ގައުމު ސަރުކާރުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ. 

ރައީސް ޑރ. މުއިއްޒު މެލޭޝިއާއަށް ކުރައްވާ މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި މިއީ، އެމަނިކުފާނު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ކުއަލަލަމްޕޫރް އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެ ގައުމުގެ ހެލްތު މިނިސްޓަރު (މިނިސްޓާ އިން އެޓެންޑަންސް) ޑރ. ހާޖީ ޒުލްކިފްލި އަހްމަދު އާއި މެލޭޝިއާގެ ޗީފް އޮފް ޕްރޮޓޮކޯލް ޔުބަޒްލާން ބިން ޔޫސުފް، ޗީފް އޮފް ސެރެމޮނީ އޮފް ދަ ގަވަމަންޓް އާއި ޕްރައިމް މިނިސްޓާޒް ޑިޕާޓްމަންޓް ރުޒައިނާ ބިން ރަމްލީ އާއި މެލޭޝިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބަދްލީ ހިޝާމް އަހްމަދު އަދި ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރްޔަމް ޝަބީނާ އަހްމަދެވެ.

ރައީސް އެއާޕޯޓަށް ފައިބާވަޑައިގެންނެވުމުން ޝަރަފުގެ ގާޑެއް ވެސް ވަނީ އެމަނިކުފާނަށް އަރުވައިފަ އެވެ.

މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ކެމިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ރައީސްގެ މި ދަތުރުފުޅުގެ މައިގަނޑު އަމާޒަކީ ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމެވެ. އަދި މި ދަތުރުފުޅުގައި ރައީސް މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި، އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ މީހުންނަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކެއް ހޯއްދަވައިދެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%