މާލޭގައި ހިންގާ އެންމެ ބޮޑު ހޮޓެލް "ބާސެލޯ ނަސަންދުރާ" މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
ކުރީގެ ނަސަންދުރަ ޕެލެސް ހުރި ބިމުގައި ހުޅުވި މި ހޮޓަލަކީ މާލޭގައި ހުޅުވި ފަސްތަރީގެ ފުރަތަމަ ހޮޓަލެވެ.
"ބާސެލޯ ނަސަންދުރާ"ގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ފަސްތަރީގެ ފެންވަރުގެ އެ ހޮޓެލް ރަސްމީކޮށް މިއަދު ހުޅުވާފައިވާ ކަމަށެވެ.
އެ ބޮޑު ހޮޓަލުގައި 126 ކޮޓަރި އާއި 118 ސާވިސް އެޕާޓްމަންޓާއި ރެސްޓޯރަންޓާއި ޖިމަކާއި ސްޕާއަކާއި 1،034 އަކަފޫޓުގެ ބޮޑު ކޮންފަރެންސް ސެންޓަރެއް އަދި ބޮޑު ސްވިމިން ޕޫލެއް ވެސް ހުރެ އެވެ. މި ހޮޓެލް ހަދައިފައި ވަނީ ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު ހަރަދުކޮށްގެންނެވެ.
މި ހޮޓެލް ހިންގަނީ ސްޕެއިންގެ ހޮޓެލް ޗެއިނެއް ކަމަށްވާ ބާސެލޯއިންނެވެ. ބާސެލޯ ގްރޫޕުން ރާއްޖޭގައި ރިސޯޓެއް ވެސް ހިންގަ އެވެ. އެއީ އދ. އަތޮޅުގައި އޮންނަ ބާސެލޯ ވޭލް ލެގޫން މޯލްޑިވްސް އެވެ.
ރާއްޖެ އާއި ސްރީ ލަންކާގެ ކުންފުންޏެއްގެ ޖޮއިންޓް ވެންޗާއެއް ކަމަށްވާ އެންޕީއެޗަށް ހޮޓަލެއް ހަދަން އެ ބިން ދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރު އެވެ.