މިމަހުގެ 27ން ފެށިގެން 30 އަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހިމާއި މެލޭޝިއާ ސަރުކާރުން ދެއްވި ހޫނު މަރުހަބާއާއި މެހެމާންދާރީއަށް ރައީސް ޝުކުރު އަދާކުރައްވައިފިއެވެ.
މި ދަތުރުފުޅުގައި ދެބޭފުޅުން ވެސް ވަނީ ތަރައްގީގެ އެއްބާރުލުން އިތުރުކުރުމާއި ދެގައުމުގެ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ފުރިހަމަ މަޝްވަރާތަކެއް ކުރައްވާފަ އެވެ. ދެގައުމުން ވަނީ ޓޫރިޒަމް، ކުޅިވަރު، ސިއްހީ ދާއިރާ، އަދި ބައިލެޓަރަލް ކޮންސަލްޓޭޝަންސް އެންޑް ޑިޕްލޮމެޓިކް ޓްރޭނިންގެ އެކްސްޗޭންޖް އޮފް ނޯޓްސް ހިމެނޭ ގޮތަށް ބައެއް މެމޮރެންޑާ އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ތަކުގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުންތަކުގެ ސަބަބުން ދެގައުމުގެ ގުޅުން ބަދަހިވެ، އެއްބާރުލުން ދިނުމަށް އާ މަގުތަކެއް ހުޅުވިގެންދާނެއެވެ.
ރައީސް މުއިއްޒު ވަނީ ބޭރުގެ އިންވެސްޓްމަންޓަށް ފަހި މާހައުލެއް ގާއިމުކުރުމަށް މެލޭޝިޔާއިން ކުރާ މަސައްކަތަށް އަލިއަޅުވާލައްވައި، ރާއްޖޭގައި ހުރި ފުޅާ އިންވެސްޓްމަންޓް ފުރުސަތުތައް ހޯދުމަށް މެލޭޝިއާގެ އިންވެސްޓަރުންނަށް ދައުވަތު ދެއްވާފައެވެ.