ގުޅިފަޅުން މާލޭ ރައްޔިތުންނަށް ދިން ގޯތިތަކުގެ ރަޖިސްޓްރީ އަންނަ މަހު ހަވާލުކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލިސް ޖަލްސާއަށް މިނިސްޓަރު މުއްތަލިބް ވަނީ ހާޒިރުކޮށްފަ އެވެ. އެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައި މުއްތަލިބް ވިދާޅުވީ އެ މަސައްކަތް ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ދޭން ކަނޑައަޅާފައި ވަނީ 9،031 ގޯތި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހުޅުމާލެއިން ދިން 1،407 ގޯއްޗާއި ގުޅީފަޅުން ދިން 2،438 ގޯއްޗާއި ގިރާވަރުފަޅުން ދިން 5،187 ގޯތި ކަމަށް އޭނާ ވިދާޅުވި އެވެ.
މުއްތަލިބް ވިދާޅުވީ ގޯތިތައް ހަވާލުކުރުން ލަސްވެފައި ވަނީ ހިއްކާފައިވާ ސަރަހައްދުތަކުގައި ވަރަށް ގިނަ މަސައްކަތްތަކެއް މި ވަގުތު ވެސް ކުރަމުން އަންނާތީ ކަމަށެވެ. ނަމަވެސް, ވީހާ ވެސް އަވަހަށް އެ ގޯތިތައް ހަވާލުކުރެވޭނެ ގޮތަކަށް ޕްލޭނަށް ބަދަލުތަކެއް ގެނެސްގެން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅިފަޅުން ދޭ ގޯތިތަކުގެ ރަޖިސްޓްރީ ދެތިންމަސްދުވަހުގެ ތެރޭގައި ހަވާލުކޮށް ނިންމާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މިދިޔަ ފެބްރުއަރީ މަހުގައި ވަނީ ދެއްވައިފަ އެވެ.