ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ އިސްތިއުފާ ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލުފުޅު ކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސީޕީ ޝުޖާއު މަަގާމުގެ އިސްތިއުފާ ހުށައެޅުއްވުމާ ގުޅިގެން އޭނާގެ އިސްތިއުފާ ރައީސް ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ.
ޝުޖާއު މި ނިންމުން ނިންމެވީ އަންހެނެއް އިމާރާތަކުން ވެއްޓުނު ހާދިސާއާ ގުޅޭގޮތުން ކުރެވެމުންދާ ތަހުގީގުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކަމަށް މައުލޫމާތު ލިބެ އެވެ.
ޝުޖާއު މަގާމުން އިސްތިއުފާ ދެއްވަން ނިންމައިފައިވާކަން ރައީސްގެ އިތުރުން ފުލުހުންގެ އިސްވެރިންނަށް ވެސް ވަނީ އަންގަވައިފަ އެވެ.
ފުލުހުންގެ ތަހުގީގާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވާތީ، ތަހުގީގުގެ މަސައްކަތް ހިނގަމުންދާ ގޮތް ބެލުމަށް މިނިވަން އިންކުއަރީއެއް ހެދުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި އެވެ.