ކޮންމެ އަހަރަކު ޙަރަމްފުޅުގެ އިމާމެއް ރާއްޖެ ގެނައުމަށް މަސައްކަތްކުރާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިކަން ކުރައްވަނީ ޒުވާން ޖީލަށް ހިތްވަރު ދެއްވުމުގެ ގޮތުން ކަމަށް އެމަނިކުފާނު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރައްވާފައިވެއެވެ.
މިދިޔަ ހޯމަ ދުވަހު މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަޠީބު، ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެ ވަޑައިގަތުމުން ޒުވާން ޙާފިޡުންނަށާއި، އިމާމުންނަށާއި ޢިލްމުވެރީންނަށް، އަދި އެންމެހާ ދިވެހި ރައްޔިތުންނަށްވެސް އުފާވެރިކަން ލިބިގެންދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ. ޑރ. ބުދައިރު އިމާމްވެ ކުރެއްވި ނަމާދުތަކަށް މަސްޖިދު މަލިކި ސަލްމާން އަދި އިސްލާމީ މަރުކަޒު، އެކި އުމުފުރައިގެ މީހުންނާއިގެން ފުރިގެންދިއުމަކީ މިކަމުގެ ހެއްކެކެވެ.
މިއަންނަ އަހަރު ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރައްވަނީ މަސްޖިދުލް ޙަރާމްގެ އިމާމް އަދި ޚަޠީބު، ފަޟީލަތުއްޝައިޚް ޑރ. ޔާސިރު އައްދައުސަރީ ނުވަތަ މަސްޖިދުލް ޙަރާމްގެ އެހެން އިމާމެއް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. ޑރ. ޔާސިރަކީ ދިވެހީންގެ ތެރޭގައިވެސް މަޤުބޫލު، ގިނަ ބަޔަކު އެމަނިކުފާނުގެ ކިޔެވުމަށް ލޯބިކުރާ، ހިތްގައިމު އަޑެއްގެ ވެރިއެއްކަން ފާހަގަކުރެއްވިއެވެ.
މި މަސައްކަތްތައް ކާމިޔާބުވަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަންކަމަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުން ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތީއްސުރެ ޒުވާނުންގެ ހިތްތަކުގައި ދީނީ ލޯބި އާލާކުރެއްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.