މަޢުލޫމާތު އާންމުކުރުމުގައި މިހާރު ޢަމަލުކުރަމުންދާ އުޞޫލުތަކަށް ބަދަލުގެނެސް، ރައްޔިތުން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުލުހުންގެ މުއައްސަސާއިން އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގަތީ ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތްދޭ އެންމެ ބޮޑު މުއައްސަސާކަމަށެވެ. އަދި ކަމެއް ބަލަން ފަށާ ހިސާބުން އެންމެ ފުރަތަމަވެސް އެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރެއްވުމަށް އެދިވަޑައިގަތެވެ.
ރައީސް އެދިވަޑައިގަތީ، ކަމެއް ދިމާވެގެން ބަލަން ފަށާ މައްސަލައެއްގައި، އެއީ ވެދާނެ ކޮންމެ ފަދަ މައްސަލައަކަށްވިޔަސް، ފުލުހުން އެކަމަކަށް އެޓެންޑުވެ އެ މައްސަލަ ބަލަން ފަށާ ހިސާބުން ފުރަތަމަވެސް ރައްޔިތުންނަށް މަޢުލޫމާތު ހިއްސާކުރާގޮތަށް ޕްރޮސީޖަރ ބަދަލުކުރުމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ފުލުހުންގެ މުއައްސަސާގެ ތެރޭގައި މަޢުލޫމާތު ހިއްސާކުރުމާއި ނުކުރުމުގެ ތަފާތު އިންތިހާއަށް ބޮޑުކަމަށާއި، އެ ސަޤާފަތް ނައްތާލަންޖެހޭކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއާމެދު ރައްޔިތުންގެ ތެރޭގައި އޮންނަންޖެހޭ އިތުބާރު އޮންނަންޖެހޭ މިންވަރަށް ޤާއިމުކުރުމުގައިވެސް މަޢުލޫމާތު ހިއްސާކުރުން މުހިންމުކަމަށް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ރައްޔިތުންގެ ތެރޭގައި އިތުބާރު ވަރުގަދަކޮށް ދަމަހައްޓާ ކުރިއެރުވުމުގައި ކޮށްދޭންޖެހޭ ކޮންމެ މަސައްކަތެއް އަދި ގެނެސްދޭންޖެހޭ ކޮންމެ ކުރިއެރުމެއް ގެނެސްދިނުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަޚުރެއްކަމަށެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ރީތި ނަން ހޯއްދަވައިދެއްވި އޮފިސަރުންނަށް ޕްރައިޑް އެންޑް މެރިޓް އެވޯޑު ޙަވާލުކޮށްދެއްވާފައެވެ.