ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި މި އަންނަ އާދިއްތަ ދުވަހު މެލޭޝިއާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އަންނަ އާދިއްތަ ދުވަހުން ބުދަ ދުވަހުގެ ނިޔަލަށް ރައީސް ކުރައްވާ މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގައި ރައީސްއާ އެކު ކެބިނެޓު މިނިސްޓަރުންނާއި ސަރުކާރުގެ އިސްބޭފުޅުންގެ ވަފުދެއް ވެސް މެލޭޝިއާއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއީ ރައީސް ޑރ. މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ދެ ގައުމުގެ ގާތް ގުޅުން ހަރަދުނާވެގެން ދާނެ މި ދަތުރުފުޅުގައި މަލޭޝިއާގެ ބޮޑުވަޒީރާ ރައީސް ބައްދަލުކުރައްވައި, މި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ މަޝްވަރާތަކުގައި ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ވަރުގަދަކުރުމަށާއި ސަރަހައްދީ އަދި ދުނިޔޭގެ މަޝްރަހާ ބެހޭ ގޮތުން ހިޔާލު ބަދަލުކުރައްވައި, ދެ ގައުމުގެ މެދުގައި އާ ގުޅުންތައް ގާއިމުކުރުމުގެ މަގުތައް ބަލައި ދިރާސާކުރުމަށް އަމާޒުކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކުގައި ސޮއިކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން މެލޭޝިއާގެ އިންވެސްޓަރުންނާ އެކު ބާއްވާ ހާއްސަ ވިޔަފާރިގެ ފޯރަމެއްގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަށް ރައީސް ވަޑައިގެން ތަގުރީރު ކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖައްސަވައިފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރައްވައި, އެ މީހުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.