ރ. ދުވާފަރުގައި ގަވާއިދާ ހިލާފަށް އުޅުނު 51 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ދުވާފަރުގައި އިއްޔެ ޓާސްކް ފޯސް އިން ހާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށެވެ.
ދުވާފަރު ކައުންސިލްގެ އެއްބާރުލުމާ އެކު, އިއްޔެ ހެނދުނު 8:00 އިން ހަވީރު 5:45 އަށް ކުރިއަށް ގެންދިޔަ އެ ރެއިޑު އޮޕަރޭޝަންގައި 100 އަށް ވުރެ ގިނަ ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެ މީހުންގެ ތެރެއިން 51 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ ޕޯސްޓުގައި ބުންޏެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު ދެ އަހަރު ދުވަހުގެ ތެރޭގައި އެއްކުރުމެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިފެހެއްޓުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް ވަނީ 6,000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފަ އެވެ.