ވިޔަފާރިކުރުމަށް ސަރުކާރުން ބައިމިލިއަނާއި ހަމަޔަށް މާލީ އެހީ ދެނީ

އަހްމަދު އީޒާން | 3 ގަޑިއިރު ކުރިން - 24 އޭޕްރިލް 2025 20:52
"އިނޮވޭޓިވް ހަބް"ގެ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސް / ފޮޓޯ: އެމްއެންޔޫ
"އިނޮވޭޓިވް ހަބް"ގެ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސް / ފޮޓޯ: އެމްއެންޔޫ
ޚުލާސާ

"އިނޮވޭޓިވް ހަބް" މެދުވެރިކޮށް "ސީޑް ކެޕިޓަލް"ގެ ނަމުގައި ތިން ގިންތިއަކަށް ބަހައިލާގެން، 50،000ރ. އާއި 500،000ރ. އާ ދެމެދުގެ މާލީ އެހީއެއް ފޯރުކޮށްދޭނެ.

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން މިދިޔަ އަހަރުގެ ޖުލައި މަހުގައި ތައާރަފުކުރި "އިނޮވޭޓިވް ހަބް"ގެ ދަށުން އުފެއްދުންތެރި ވިޔަފާރިކުރުމަށް ޝައުގުވެރިވާ މީހުން މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ކޮންމެ އަހަރެއްގެ ވެސް އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ފާހަގަކުރާ، ބައިނަލްއަގުވާމީ އުފެއްދުންތެރިކަމުގެ ދުވަހާ ގުޅިގެން އެމްއެންޔޫ އިން އެ ޔުނިވާސިޓީގެ ފުލް-ޓައިމް ދަރިވަރުންނަށް "އިނޮވޭޓިވް ހަބް"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ފުރުސަތަކީ އުފެއްދުންތެރި އަދި އީޖާދީ ވިޔަފާރިކުރުމަށް ޝައުގުވެރިވާ ދަރިވަރުންނަށް އެ ދަރިވަރުންގެ ހިޔާލުތަށް ތަޖުރިބާކާރު ބޭފުޅުންނަށް ހުށައަޅައި, އެ ބޭފުޅުންގެ ލަފަޔާއި އިރުޝާދު ލިބި، މިފަދަ ހިޔާލުތަކުން ފުރިގެންވާ އެތައް ދަރިވަރުންނަކާ އެކު މަސައްކަތްކުރުމުގެ އިތުރުން ވިޔަފާރި ފެށުމަށް ބޭނުންވާ މާލީ އެހީ ހޯދުމަށް ދެވޭ ފުރުސަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

"އިނޮވޭޓިވް ހަބް" މެދުވެރިކޮށް "ސީޑް ކެޕިޓަލް"ގެ ނަމުގައި ތިން ގިންތިއަކަށް ބަހައިލާގެން، 50،000ރ. އާއި 500،000ރ. އާ ދެމެދުގެ މާލީ އެހީއެއް ފޯރުކޮށްދެވޭނެ ކަމަށް މިިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ "އިނޮވޭޓިވް ހަބް"ގެ ފުރުތަމަ މަރުހަލާގައި އެންމެ ގިނަވެގެން ހޮވުމަށް ހަމަޖެހިފައި ވަނީ 10 ދަރިވަރުން ކަމަށެވެ. އެ މަރުހަލާގައި ދަރިވަރުންނަށް ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން އިރުޝާދު ލިބޭނެ ކަމަށާއި އެމްއެންޔޫގެ ވަސީލަތްތަށް ބޭނުންކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ބުންޏެވެ.

ނަމަވެސް، އެ މަރުހަލާގައި ދަރިވަރުނަށް ދޫކުރެވޭނީ މާލީ އެހީގެ 20-50 ޕަސެންޓެވެ. ޕޮރޮޓޯޓައިޕް ޑިވެލޮޕްކުރުމާއި މާކެޓިކް ރިސާޗް ހެދުން ފަދަ މަސައްކަތްތަކަށް ބަލައި ދަރިވަރުންނަށް ފައިސާ ދޫކުރާނެ އެވެ.

އެމްއެންޔޫގެ "އިނޮވޭޓިވް ހަބް"ގެ ފަރާތުން ބޮޑަށް އިސްކަންދޭނީ އުފެއްދުންތެރި އަދި އީޖާދީ ހިޔާލުތަކުގެ ގޮތުގައި ހުށައަޅާ ޕްރޮޖެކްޓް ޕްރޮޕޯސަލްތަކަށް ކަމަށް މިނިސްޓްރީން ބުންޏެެވެ.

"އިނޮވޭޓިވް ހަބް"ގައި ބައިވެރިވުމަށް ހުށަހެޅުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%