މިމަހުގެ 18 ވަނަ ދުވަހު ހެންވޭރުގައި އަންހެނަކު ފުރާޅުން ވެއްޓުނު ހާދިސާއާ ގުޅިގެން 8 މީހަކު ހޯދައި، އެމީހުންގެ ބަޔާން ނަގައި، ރާއްޖެއިން ފުރުން ވެސް މަނާކޮށްފިއެވެ. މި މައުލޫމާތު ހާމަކުރެއްވީ މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ.
ފުރުން މަނާކުރި 9 މީހުން.
ކޮމިޝަނަރ ޝުޖާޢު ވިދާޅުވިގޮތުގައި، މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވަނީ އެހެން މައްސަލަތަކުގައިވެސް އަމަލުކުރާ އުސޫލުންނެވެ. އަދި މި މައްސަލައިގައި އެއްވެސް ތަފާތުކުރުމެއް ގެންގުޅެފައި ނުވާނެކަމަށްވެސް ސީޕީ ވިދާޅުވިޅުވިއެވެ.
ހާދިސާ ހިނގި ދުވަހު ހެންވޭރު ލިޓްޒްގޭގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓިފައިވާކަމަށް އާންމު ފަރާތަކުން ރިޕޯޓުކޮށްފައިވަނީ ހުކުރުދުވަހުގެ ހެނދުނު 7:30 ހާއިރުކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި އެމްއެންޑީއެފްގެ އެހީއާއެކު އެ އަންހެންމީހާ ހޮސްޕިޓަލަށް ގެންދެވުނީ 8 ޖަހާއިރު ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
ކޮމިޝަނަރ ޝުޖާޢު ވިދާޅުވިގޮތުގައި، މި ހާދިސާއާ ގުޅިގެން ކުރެވުނު ތަހުގީގުގައި، ހާދިސާ ހިނގި ދުވަހުގެ ފަތިހު އެގޭގައި އެ އަންހެންމީހާއާއި އިތުރު މީހަކު އުޅުނުކަން ފާހަގަކުރެވުނެވެ. އަދި އެ އަންހެންމީހާއާއެކު އުޅެފައިވަނީ ރައުދު އަހްމަދު ޒިލާލްކަން ދެނެގަނެވުނެެވެ.
އޭނާއާ ސުވާލުކުރުމުން އިތުރު 7 މީހަކު އެރޭ މާލޭގައި އެހެން 2 ގެއެއްގައި އެއްކޮށް އުޅުނުކަންވެސް އެނގުނެވެ.
"އެ އެންމެން ދެނެގަނެ ބަޔާން ނަގާފައިވާނެ. އަދި އެމީހުން ފުރުން މަނާކޮށްފައިވާނެ،" ކޮމިޝަނަރ ޝުޖާޢު ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ގެންދާތީ ފުލުހުން ވަނީ މި މައުލޫމާލޫމާތު ހާމަކޮށްފައެވެ. ފުލުހުންގެ ޚިދުމަތުން ކުރިން ބުނެފައިވަނީ އެ އަންހެންމީހާ ވެއްޓިފައިވަނީ މަސްތުގެ ހާލަތުގައި ހުރެ އަމިއްލައަށްކަމަށް ބެލެވޭކަމަށެވެ.