ޤާނޫނު އަސާސީ އާއި ޤާނޫނުތައް ތަންފީޒުކުރުމުގައި އަދި ޤާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) ހިންގުމުގައި އެއްވެސް މީހަކާމެދު ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ފާހަގަކުރެއްވީ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، "އެ މީހެއްގެ ޙަސަބަކަށް، ނަސަބަކަށް، މަޤާމަކަށް، މުއްސަނދިކަމަކަށް، ރަޙްމަތްތެރިކަމަކަށް، ޢާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫންވެސް ކަމަކަށް ބަލާ، މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނުއޮންނާނެ!" ކަމަށެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ ފެންމަތިވެފައިވާ ދެ މައްސަލައަކާ ގުޅިގެންނެވެ. އެއީ އަންހެން ކުއްޖަކު ފުރާޅު މައްޗަށް ވެއްޓުނު މައްސަލަ އާއި މިނިސްޓަރެއްގެ ގޭގައި މަސްތުވާތަކެތި ބޭނުންކޮށް ޒުވާނުންތަކެއް ޕާޓީކޮށްފައިވާ ކަމަށް ބުނާ މައްސަލައެވެ. މި ދެ މައްސަލައިގައި ސިޔާސީ ނުފޫޒު ފޯރުވައި، މައްސަލަ ބެލުމުގައި ނަސަބަށާއި މަޤާމަށް އަދި މުއްސަނދިކަމަށް ބަލާފައިވާ ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ވާހަކަތަކެއް ދައުރުވަމުން ދިޔައެވެ.