މިދިޔަ ހުކުރު ދުވަހުގެ ރޭ ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުމުގެ ކުރިން އޭނާ އާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް ތަހުގީގަށް އެއްބާރުލުން ނުދޭތީ އޭނާ ހައްޔަރުކުރަން ކޯޓު އަމުރަކަށް އެދިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި މަސައްކަތަކީ ޤާނޫނީ އިމުގެ ތެރެއިން ކުރިއަށްދާ ތަޙުޤީޤެއްކަން ކަށަވަރުކޮށްދެމުން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ މި މައްސަލައިގައި އެއްވެސް ފަރާތަކަށް އިސްތިސްނާއެއް ނުދޭނެ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކެއްގެ ޙައްޤުތައް ރައްކާތެރިކުރެވޭނެ ގޮތަށް ތަޙުޤީޤު ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައުދު އަކީ ހާދިސާ ހިނގި އިމާރާތުގައި ޔުމްނު އާއެކު ހުރި މީހާއެވެ. އެދެމީހުން އިމާރާތަށް ވަން މަންޒަރާއި އަދި އިމާރާތުގެ ސިޑިމަތީގައި އުޅުނު މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖް ފުލުހުން ވަނީ މިއަދު ދައްކާފައެވެ.
މައްސަލައިގެ ތަޙުޤީޤު އަވަސް މުއްދަތެއްގެ ތެރޭގައި ނިންމައި، ޕީޖީ އަށް ފޮނުވާނެ ކަމަށް ފުލުހުން ބުންޏެވެ.