އިސްރާއީލް ބޮއިކޮޓްކުރާ ޖަމްއިއްޔާތަކަށް ފަންޑު ދިނުން އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތު (އެންއައިއެޗް) އިން މަނާކޮށްފިއެވެ. މިއީ ފަލަސްތީނަށް ތާއީދުކުރާ ހަރަކާތްތަކާ ދެކޮޅަށް ޓްރަމްޕްގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފަހުގެ ފިޔަވަޅެވެ.
މިމަހުގެ 21 ވަނަ ދުވަހު ޝާއިޢުކުރި ނޯޓިސްއެއްގައި އެންއައިއެޗްއިން ބުނެފައިވަނީ އިސްރާއީލާއި ދެކޮޅު ޕްރޮގްރާމްތައް ކުރިއަރުވާ ފަރާތްތަކަށް ދޫކޮށްފައިވާ ފައިސާގެ އެހީތައް ހުއްޓާލައި، އެފަދަ ފަރާތްތަކަށް ދޫކޮށްފައިވާ ހުރިހާ ފައިސާއެއް އަނބުރާ ހޯދާނެ ކަމަށެވެ.
މި ނޯޓިސްގައި ބުނީ އިސްރާއީލުގެ ކުންފުނިތަކާއި ނުވަތަ އިސްރާއީލުގައި ނުވަތަ އިސްރާއީލާއެކު ވިޔަފާރިކުރާ ކުންފުނިތަކާއި ނުވަތަ އިސްރާއީލުގެ ޤާނޫނުތަކުގެ ދަށުން ހުއްދަ ދީފައިވާ ނުވަތަ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި މުޢާމަލާތްކުރުން ހުއްޓާލުން ނުވަތަ، ވިޔަފާރީގެ ގުޅުންތައް ކަނޑާލުން ނުވަތަ އެނޫންވެސް ގޮތަކުން ވިޔަފާރީގެ ގުޅުންތައް މަދުކޮށްފި ކަމުގައި ވާނަމަވެސް އެފަރާތްތަކަށް މިހަފްތާގެ ހޯމަ ދުވަހުން ފެށިގެން ފިޔަވަޅު އަޅާ ކަމަށް އެމެރިކާއިން ބުންޏެވެ.
ޓްރަމްޕްގެ ސަރުކާރުން ވަނީ ފަލަސްތީނަށް ތާއީދުކުރާ އިހުތިޖާޖުތަކާ ދެކޮޅަށް އެތައް ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ތެރޭގައި ބޭރުގެ ދަރިވަރުން ދަޢުވާއެއް ނެތި ހައްޔަރުކުރުމާއި އެމެރިކާގެ ޔުނިވަރސިޓީތަކަށް ފަންޑު ދޫކުރުން ހުއްޓާލާނެކަމުގެ އިންޒާރު ދިނުން ހިމެނެއެވެ.