އިސްލާމްދީނާއި ދިވެހިވަންތަކަން ހިފަހައްޓަން ރައީސް އިލްތިމާސްކުރައްވައިފި

ހުސައިން އިސްމާއިލް | 3 ގަޑިއިރު ކުރިން - 28 އޭޕްރިލް 2025 22:51
މެލެޝިއާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުން.
މެލެޝިއާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުން.
ޚުލާސާ

އިސްލާމްދީނުގެ ހުދޫދުތަކުން ބޭރުވާނަމަ އެއްވެސް އުފަލެއް ނުލިބޭނެ ކަމަށް ރައީސް ވިދާޅުވި.

ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އިސްލާމްދީނުގެ އުސޫލުތަކާއި ދިވެހިވަންތަކަން ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިފަދައިން އިލްތިމާސް ކުރެއްވީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ބޭރު ޤައުމުތަކުގައި ވަޒަންވެރިވެ ދިރިއުޅޭއިރު، ބައެއް ފަހަރު ދީނުގެ ހަމަތައް ދޫކޮށްލެވޭ ކަމަށާއި، އިސްލާމްދީނުގެ ހުދޫދުތަކުން ބޭރުވާނަމަ އެއްވެސް އުފަލެއް ނުލިބޭނެ ކަމަށެވެ. އަދި ދަރިވަރުންގެ ތަޢުލީމީ ކުރިއެރުމަށް ހިތްވަރު ދެއްވައި، އަމިއްލަ ނަފްސަށާއި، ޢާއިލާއަށާއި، ޤައުމަށް ރީތި ނަން ހޯދައިދިނުމަށް ބާރުއެޅުއްވިއެވެ.

ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ޢާއިލާތަކުން، ދިވެހިންގެ އެއްބައިވަންތަކަމުގެ އުސޫލުތައް ނަގަހައްޓައި، އެކުވެރިކަން އާލާކުރުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ. އަދި ދައުލަތުގެ ޒިންމާއަކީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ދިވެހީން ދިރިއުޅުނު ނަމަވެސް، ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުން ކަމުގައި ވިދާޅުވިއެވެ.

މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި އައި.ޑީ ކާޑުގެ ޚިދުމަތާއި، ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓްގެ ޚިދުމަތް މެލޭޝިއާގައި ރަސްމީކޮށް ފައްޓަވައިދެއްވައި، "މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން" އިފްތިތާޙްކޮށްދެއްވާފައެވެ. އަދި އަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުން މި އެސޯސިއޭޝަނަށް އަހަރަކު 3،000 އެމެރިކާ ޑޮލަރު ޖަމާކުރެއްވުމަށް ނިންމަވާފައިވާ ކަމަށް އިޢުލާންކުރެއްވިއެވެ.

މީގެ އިތުރުން، ދިވެހިންނަށް ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތް އިތުރަށް ފުޅާކޮށް، ފުރިހަމަކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންއާއި އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ދިވެހިރާއްޖޭގެ ވަފުދުގެ ބޭފުޅުންނާއި މެލޭޝިލޭޝިއާގައި ދިރިއުޅޭ ދިވެހި ގިނަ ޢާއިލާތަކާއި ދަރިވަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%