ދިވެހި ޤައުމީ ދިފާޢީ ބާރަށް އަލަށް ތަޢާރަފުކުރި ޝަރަފުގެ ނިޝާން "ހަށިހެޔޮކަމުގެ ކުލަ" މިރޭ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ. މި ނިޝާން އިފްތިތާޙުކޮށްދެއްވީ 133 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އަލަށް ތަޢާރަފްކުރި ސިފައިންގެ ނިޝާން ނުވަތަ "ހަށިހެޔޮކަމުގެ ކުލަ"
"ހަށިހެޔޮކަމުގެ ކުލަ" އަކީ ސިފައިންނަށް ދެމުންދާ ޝަރަފުގެ ނިޝާންތަކުގެ ތެރެއިން އެޗީވްމަންޓް އެވޯޑްގެ ގިންތިއަށް އަލަށް އިތުރުކުރެވުނު ނިޝާނެކެވެ. މި ނިޝާން ދެވޭނީ ހަށިހެޔޮކަމުގެ އަސާސީ މިންގަނޑުގެ އެންމެ މަތީ ފެންވަރުގައި ދަމަހައްޓާ ސިފައިންނަށެވެ.
އެމްއެންޑީއެފްއިން ބުނާ ގޮތުގައި، މި ނިޝާން ތަޢާރަފުކުރުމުގެ މަޤްޞަދަކީ ސިފައިންގެ ތެރޭގައި ހަށިހެޔޮކަމުގެ ދަރަޖަ މަތީ ފެންވަރުގައި ހިފެހެއްޓުމަށް ހިތްވަރުދިނުމާއި، އެކަމުގައި މަތީ ދަރަޖަ ހާސިލުކުރާ ސިފައިންގެ މަސައްކަތް ފާހަގަކުރުމެވެ.
ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފައިންގެ ތެރެއިން މެޑެލް ހާސިލުކުރި ފަރާތްތަކަށާއި، ފާއިތުވި އަހަރުގެ އެންމެ ހަށިހެޔޮ އަންހެން އަދި ފިރިހެން ސިފައިންނަށް މެޑެލް ހަވާލުކޮށްދެއްވާފައެވެ. އަދި ޕާކިސްތާނު އާމީ ޓީމްސް ސްޕްރިޓް (ޕެޓްސް)ގައި ކާމިޔާބު ހޯދި އަދި އެންމެ ހަށިހެޔޮ ޔުނިޓުގެ ގޮތުގައި ހޮވުނު ޔުނިޓަށް ފިލާ ހަވާލުކޮށްދެއްވާފައެވެ. މީގެ އިތުރުން، އަސާސީ ތަމްރީން ކޯހުގެ ދަސްވެނިންނާ ރަމްޒީގޮތުން ބަޑި ހަވާލުކުރެއްވިއެވެ.