ޔުނައިޓެޑް ނޭޝަންސް އަދި ކައުންސިލް އޮފް ޔޫރަޕްގެ އެއްބާރުލުމާ ގުޅޭ ރިޒޮލިއުޝަން އެއްވެސް ގޮތަކަށް ދިވެހިރާއްޖެއާ ގުޅުމެއް ނެތްކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. މިފަދައިން ޚާރިޖީ ވަޒީރު ވިދާޅުވީ، ދީނީ މިނިވަންކަމާ ގުޅޭ ޤަރާރަށް ރާއްޖެއިން ވޯޓު ދިންކަމަށް ބުނެ ފެތުރޭ ޚަބަރުތައް ދޮގުކުރައްވައި، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ރިޒޮލިއުޝަން އދ.ގެ އާންމު މަޖިލީހަށް އެންމެ ފުރަތަމަ ހުށަހެޅުނީ 2000 ވަނަ އަހަރުއެވެ. އަދި 2004 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު މި ރިޒޮލިއުޝަނަށް ވޯޓަށް އަހަމުން ގެންދެއެވެ. ޑރ. ޚަލީލް ވިދާޅުވި ގޮތުގައި، މިއީ އދ. އާއި ކައުންސިލް އޮފް ޔޫރަޕާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ހުށަހަޅާ ރިޒޮލިއުޝަނެކެވެ.
"ރާއްޖޭގެ ހުރިހާ ސަރުކާރުތަކުންވެސް އައީ މި ރިޒޮލިއުޝަނަށް ވޯޓު ދެމުންނެވެ. މިއީ އެއްވެސް ގޮތަކަށް ރާއްޖެއާ ގުޅުމެއް އޮތް ރިޒޮލިއުޝަނެއް ނޫނެވެ،" ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ، ރާއްޖެއިން ޢަމަލުކުރަންޖެހޭ ޙާލަތްތަކުގައި، ދީނާއި ސަގާފަތާ ނުގުޅޭ ކަންކަން ހިމެނޭނަމަ، ރާއްޖެއިން އެކަންކަމަށް ރިޒަވޭޝަން ލަމުން ގެންދާނެކަމަށާއި މިއީ ނުގުޅޭ ކަންކަމަށް ޢަމަލު ނުކުރުމުގެ ގޮތުންކަަމަށެވެ.
މީގެއިތުރުން ރައްޔިތުންނަށް ނޯޅޭގޮތަށް ތެދު މަޢުލޫމާތު ފެތުރުމަށް ޚާރިޖީ ވަޒީރު އިލްތިމާސް ކުރެއްވިއެވެ.